އާދައިގެ މަތީން ހުސްކޮށް ހުންނަ ގެސްޓްރޫމްގެ ދޮރު ޔަނާލް ހުޅުވައިލީ ފިކުރެއް ޚިޔާލެއް ނެތިއެވެ.
"ކާކު..؟" ކޮޓަރި ތެރެއިން ގޮވާލިއެވެ.
އެތެރެއަށް އެޅި ފައި ފަހަތައް ދަމައިގަނެވުނެވެ. ވަށައިގެން ޔަނާލްއަށް ބަލައިލެވުނީ ކަންފަތައް އިވުނުއަޑު ޔަގީން ނުވީތީއެވެ. ކުއްލިޔަކަށް ސިކުނޑިއަށް ވެރިވެގަތީ އެތައް ފަހަރަކު ތަކުރާރުކޮށް ޔަނާލްއަށް ފެނިފައިވާ ހުވަފެނެވެ. އެތައް ރެއެއްގެ ނިދީން ޔަނާލް މަހްރޫމްކުރި ބިރުވެރި ހުވަފެނެއެވެ. ދޮރު ލައްޕާން ހަނދާންނެތިފައި ޔަނާލްއަށް ހުރެވުނެވެ. ދެވަނަ ފަހަރުވެސް އެސުވާލެވެ. ނަމަވެސް ތަފާތެއް ވިއެވެ. ކުރިން އެތަފާތު ނަޔާލްއަށް ފާހަގަނުކުރެވުނީ ހެއްޔެވެ؟ ދޮރުން އެތެރެއަށް ބަލައިނުލައި ބޭރަށް ބަލައިލެވުނީ މުސްކާން ނުވަތަ މަންމަ ފެންނާން ހުރިތޯއެވެ. އެގޭގައި އިތުރު އަންހެނަކު ނޫޅޭނެއެވެ. މުސްކާންގެ ސަމާސާތަކަށް ޔަނާލް ފަރިތައެވެ. ނަމަވެސް މިއަދު މިއީ މުޅީން ތަފާތުކަމެކެވެ.
"މުސްކާން.."؟ އަނެއްކާވެސް އެއަޑެވެ.
ޔަނާލްގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. އެއީ ހުވަފެނީ އަޑެއްނޫންކަން ޔަގީންވިއެވެ. މާޒީގެ އެތައް އަހަރެއްގެ ކުރިއަށް ޖެހިލެވުނީ ފަޅިސިކުންތެއްގެ ތެރޭގައެވެ. އެއަޑުން އެނަން، ޔަނާލްއަށް މުޅި އުމުރަށްވެސް ވަރަށް ޚާއްޞައެވެ. ސިކުނޑި ހަލަބޮލިވިޔަސް، ހަގީގަތާއި ކުރިމަތިލާން ބޭނުންވިއެވެ. ތަޅުގައި ހިފަހައްޓައިގެން ހުރިއަތުން ހިތުގައި އަތްއެޅިއެވެ. މާބާރަށް ހިތް ތެޅޭތީ ކޮންޓްރޯލް ކުރެވޭތޯއެވެ. ކަންފަތުގެ ނުތަނަވަސްކަން ފިލުވާލަދިން ހިތްގައިމު އަޑު އަދިވެސް އަހާލަން ބޭނުމެވެ. ހީއެއްކަމަށް ވަންޏާއި އަދިވެސް އެ ފިކުރުގައި ހުންނާންވެސް ޔަނާލް ބޭނުމެވެ. ލޯ މަރައިލާފައި އެތެރެއަށް ޖެހިލިއެވެ. ދޮރުން އެތެރެއަށް ވަދެފައި ދޮރުލެއްޕިއެވެ. ބާރަށް ހިތްތެޅޭއަޑު އިވެއެވެ. ލޯމަރައިގެންހުރެ ދޮރުގައި ޔަނާލް ލެނގިލިއެވެ. ކަންފަތަށް އިވުނު އަޑު ތިންވަނަފަހަރަށްވެސް އިވޭތޯއެވެ.
ލޯމަރައިގެން ހުރެވުނީ ކިތައް ސިކުންތު ނުވަތަ ކިތައް މިނެޓްކަމެއް ޔަނާލްއަށް ނޭގުނެވެ. ލޯ ހުޅުވައިލެވުނީ އަޑެއް ނީވުނަސް، ތަފާތު އިޙްސާސެއް ކުރެވުމުންނެވެ. ކުރިން އެކޮޓަރީން ނުދުވާ ހިތްގައިމު މީރުވަހެއް ނޭފަތުގައި ބީހިލިއެވެ. އިޚްތިޔާރަކާއި ނުލައި ލޯ ހުޅުވިއްޖެއެވެ.
ޔަނާލްގެ ދެ ލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. ހަރަކާތްހުއްޓިފައި ކުރިމަތީން ފެންނާންހުރީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ އޭނާގެ ލޮލަށް ޔަގީންވާން ބޭނުންވިއެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅުއެޅިއެވެ. ކުރިމަތީގައި ހުއްޓިލިއެވެ. ކަނދުރާ ތިރިކޮށްލާފައި އަރިއަރިޔަށް އެނބުރި ބަލައިލިއެވެ. ހޭލަހުއްޓައި ބައެއްމީހުންނަށް ހުވަފެން ފެންނަކަމަށްވެސް ބުނާތީ ޔަނާލްވެސް އަޑުއަހައެވެ. އެފަދަކަމެއް ތަޖުރިބާކޮށްފައި ނުވާތީ ޔަނާލްގެ އަމިއްލަ ހާލަތާއިމެދު މިފަދަ ވަގުތެއްގައި ކަންކުރާނެ ގޮތެއްވެސް އޭނާއަށް ނޭގުނެވެ. މަޑުމަޑުން ކަނާއަތް އުފުލައިލިއެވެ. ފެންނަފެނުމަށް އެއަތް އުފުލެނީ ޔަނާލްގެ އިޚްތިޔާރަކާއި ނުލައެވެ. ކުރިމަތީގައި ހުރި އިންސާނާގެ ކޮލުގައި، ޝަހާދަތް އިނގިލީގެ ކޮޅުން ޔަނާލް މަޑުމަޑުން ކޮށްޓައިލިއެވެ. ހަމައެއާއެކު އަތް ދަމައިގަނެވުނެވެ. އިނގިއްޔަށް ކަރަންޓުއައިކަމުގެ އިހްސާސް ޔަނާލްއަށް ކުރެވުނީއެވެ.
"އާރ ޔޫ ރިއަލް؟" ޔަނާލްއަށް ސުވާލުކޮށްލެވުނީ ވައިއަޑުންނެވެ. ކިތަންމެ މަޑުން ސުވާލުކުރިއަސް، އެއަޑު ފޯރާންޖެހޭ ހިސާބަށް ފޯރައިފިއެވެ. ދެ ލޯ ކަރުނައިން ފުރިއްޖެއެވެ. ސާފު ބިއްލޫރިކޮޅެއްފަދައިން ކޯތާފަތުން ކަރުނަ އޮހޮރިގެންފިއެވެ. ޔަނާލްގެ ހިއްސުތައް މަސައްކަތްކުރާންފެށީ ކަރުނައިގެ ހޫނު އިހްސާސްވުމުންނެވެ.
އެއި ނިމާއެވެ. ޔަނާލްގެ ނިމާއެވެ. އެ އޮމާންކަމާއި އެ ލޫޅާފަތިކަމެވެ. ޤުދުރަތުގެ އުފެއްދެވުންތެރިކަމުގެ ލާމަސީލު މިސާލެކެވެ. ފުރަތަމަ ފެނުނުދުވަހަށް ވުރެންވެސް ނިމާ ރީއްޗެވެ. އިންތިހާއަށް ރީއްޗެވެ. ރޫފަހެޔޮ ބަނިޔާދަން ހަށިގަނޑެކެވެ. ކުރިއަށްވުރެން އިސްތަށިގަނޑު ތުނިވެފައިވިޔަސް، އެފަށުވިކަމެވެ. ގަދަމުށިކުލައާއި ބީޓްރޫޓްކުލައިން އިސްތަށިގަނޑު ހައިލައިޓްކޮށްލާފައިވުމުން ނިމާގެ ރީތިކަން އެތައް ގުނައެއް އިތުރުކޮށްދެއެވެ. މަޑުމަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ބަދަލެއްވެސް އައިސްފައިނުވެއެވެ. ލައިގެންހުރި ހުދުކުލައިގެ މަތިކޮޅާއި މަޑުނޫކުލައިގެ ޖީންސް ނިމާގެ ރީތިކަން ފުރިހަމަކޮށްދެއެވެ. ޔަނާލްގެ އެސްފިޔަތައް އޭނާއަށް ކޮންޓްރޯލް ގެއްލިއްޖެއެވެ.
"ނިމާ!!!؟؟؟" ޔަނާލްގެ އަޑު ނިމާއަށް ފޯރިއެވެ. ގުޑައިލާން ނޭގިފައިހުރެވުނީ ހަގީގަތެއްކަމަށް ނިމާއަށްވެސް ޔަގީންނުވާތީއެވެ.
"ޔަނާލް.....!!!" ކިތަންމެ މަޑުން ނިމާ ސުވާލުކުރިއަސް ޔަނާލްއަށް އެއަޑު އިވިއްޖެއެވެ. ހިތް ރޮއްވާލީ ލޮލުން ވެއްޓުނު ކަރުނައެވެ. ދުނިޔެއާއިމެދު ވިސްނާން އެންމެ ސިކުންތެއްވެސް ޔަނާލް އިސްރާފްނުކުރިއެވެ. އަވަސް ހަރަކާތަކާއެކު، ދެއަތުގެ ތެރޭގައި ނިމާގެނެސް ބޮނޑިކޮއްލިއެވެ. ހޫނު ކަރުނަތައް ފައިބަމުންދިޔައީ ނިމާގެ ކަނދުރާއަށެވެ. ހަދާނެ ގޮތެއް ނޭގުނީ، ހުއްޓުން އަރާފައިހުރި ނިމާއަށެވެ.
"އައެމް ސޮރީ! އައެމް ސޮރީ.. ސޯ ސޮރީ މައިލަވް! އައެމް ސޮރީ.. ސޮރީ.. ސޮރީ.." ކިޔޭ ނުކިޔޭ އެއް ނޭގޭފަދައިން ޔަނާލް ވާހަކަދައްކަމުން ގެންދިޔައީ ބާރަށް ރޮމުންނެވެ. ކުޑަކޮށްވެސް ނިމާ ދުރައްޖެހިލަފާނެކަމަށް ބިރުން ޔަނާލް، ނިމާގެ ހަށިގަނޑުގައި ބައްދާލާފައިވަނީ ނުހަނު ބާރަށެވެ. ލޯތްބަށް ދިރުންލިބި، ދެހިތުގެ އުދާސްތައް ދެމީހުން ބޭރުކުރަމުންދިޔައީ ކަރުނައިގެ އެހީގައެވެ. ކުޑަހިނދުކޮޅެއްގެ ކުރިއާއިހަމަޔަށް، ދުނިޔެއާއިމެދު އެތައް ޝަކުވާއެއްވިއެވެ. ތަގްދީރާއިމެދު ކުރެވުނު ހުރިހާ ސުވާލެއްގެ ޖަވާބު ދެ ހިތައްވެސް ލިބުނުފަދައެވެ. ޔަނާލްގެ ކަސްރަތީ ހަށިގަނޑުގެ ތެރޭގައި ނިމާ ފޮރުވާލަން މަސައްކަތްކުރަނީއެވެ. އެންމެ އިންޗިއެއްވެސް ދުރަށް ޖެހިލުމަށް ހިތް ނޭދޭތީއެވެ.
" މިއީ ކޮންފަދަ އިމްތިޙާނެއް؟ މިއޮއްހައި ދުވަހު ނިމާ ކީއްވެ ފިލައިގެން ތިއުޅުނީ؟ ލޯބިވާ ހޯދަން އަހަރެން އަތްފުނާ ނާޅަނީ ކޮންތަނެއްގައި؟ ކީއްވެ އަހަރެން ކައިރިއަށް ނައީ؟" ޔަނާލްގެ ސުވާލުތައް ނިމާގެ ދުނިޔެ ހަލަބޮލިކޮށްލިއެވެ. ބާރުގަދަ ދެއަތުގެތެރެއިން ނިކުމެވޭތޯ ނިމާ މަސައްކަތްކުރިއެވެ.
"ނޯ! އެންމެ އިންޗިއެއް ދުރަށް ޖެހިލާނަމޭވެސް ހިތައް ނާރުވާތި! ދުލެއް ނުކުރާނަން! އަހަރެންގެ އަނދިރި ދުނިޔެއަށް އަލިކަމެއް މިލިބުނީ ހާދަ ދިގު އިންތިޒާރަކަށްފަހުކަން ނިމާއަށް އެނގޭތަ؟ ނިމާ ހޯދަން އަހަރެން ނުކުރަނީ ކޮން މަސައްކަތެއް؟ އަހަރެންގެ ހުރިހާ ފޯނު ނަންބަރެއް ދިނިން.. އެންމެ ފަހަރަކުވެސް ނިމާ ނުގުޅީ ކީއްވެ؟ މިހިތައް ވާނެވަރު ނިމާއަށް ނޭގެނީތަ؟ މިހިތުގައި އަޅާނެ ވޭން ނިމާއަށް އިހްސާސްނުވަނީތަ؟ ކީއްވެ ނުގުޅީ؟ އެންމެ ފަހަރަކުވެސް އަހަރެންގެ ކުރިމައްޗަށް ނިމާ ނައީ ކީއްވެ؟ ބުނެބަލަ! އަހަރެންގެ ހިތަށް މިވަރުގެ އަނިޔާއެއްދިނީ ކީއްވެ؟" ނިމާގެ ހަށިގަނޑުގައި ބާރަށް ބައްދަމުން ޔަނާލް ވާހަކަދެއްކިއެވެ. ކަރުނައިގެ ތެރެއިން ޔަނާލްގެ އަޑު ދޭތެރެއަކުން ފަނޑުވެއެވެ.
" ޔަނާލް ފުރި ދުވަހު ބައްޕައަށް އެ ކަރުދާސްކޮޅު ފެނިއްޖެ.. އޭގެފަހުން އަހަރެން އެ ނުދެކެން.. ވަރަށް އިނތިޒާރުކުރިން" މަޑުމަޑުން ނިމާ ބުނެލިއެވެ.
އަނެއްކާވެސް ހިތްވަރުކޮށްފައި ޔަނާލްގެ ސުވާލުތައް ފުނި ޖައްސާލިއެވެ. ޔަނާލްބޭނުން ކޮންމެ ކަމަކަށް ހިތުން ރުހުމުން ނިމާ ހުއްދަދީފައިވާ ފަދައެވެ. ލިބުނު ހައިރާންކަމުން އަދިވެސް ނިމާއަށް ނުނިކުމެވެއެވެ. ކަރުނައިގެ އެހީތެރިކަމާއެކު ހަގީގަތް ގަބޫލުކުރެވިއްޖެކަން އެނގުނީ ނިމާވެސް ޔަނާލްގެ ބުރަކަށީގައި ނުހަނު ލޯބިން ފިރުމާން ފެށުމުންނެވެ. ލިބުނު އުފަލުގައި އަނެއްކާވެސް ޔަނާލްއަށް ބާރަށް ރޮވުނެވެ.
" ޔަނާލް ނޫންތަ ބުނީ، އަހަރެންކަހަލަ ފަގީރު ނިކަމެއްޗަކު ބޭނުމެއްނޫނޭ.." ނިމާގެ އަޑު ޔަނާލްގެ ހިއްސުތައް ގަނޑުކޮށްލިއެވެ. ބައްދާލާފައިވާ ދެއަތުން ވާގި ދޫވިހެން ހީވިއެވެ. ނިމާގެ ގައިން ހީނބިހިނެގީ ޔަނާލް އަނެއްވެސް ދުރައްދަނީކަމަށް ހީވުމުންނެވެ.
"ކީކޭ ތިބުނީ؟" ފަހަތައް ފިޔަވަޅެއް އަޅާފައި ޔަނާލް ސުވާލުކުރިއެވެ. ނިމާގެ ޖުމުލަ ތަކުރާރުކުރުމުގެ ބޭނުމެއް ނެތްކަން ނިމާއަށްވެސް އިނގެއެވެ.
"އަހަރެން ދުވަހަކުވެސް އެފަދަ އެއްޗެއް ބުނާނެތަ؟ ނިމާ އަހަންނަށް އިތުބާރެއް ނުކުރަންތަ؟ އަހަރެން ކިތައް ދުވަހު ނިމާއަށް ގުޅިން..؟ ކިތަން މީހުންކައިރީގައި އާދޭސްކުރިން؟ ނިމާގެ ކޯލަކަށް ރެއާއި ދުވާލު އަހަރެންކުރި އިންތިޒާރު ނިމާއަށް އިޙްސާސްނުވޭތަ؟ އަހަރެންގެ ލޯބި ނިމާއަށް އިހްސާސް ނުވޭދޯ؟" ހިތާއި ސިކުނޑި ނުރުހުނަސް، ޔަނާލް ނިމާއާއި ދުރަށް ޖެހިލިއެވެ.
"އެހުރިހާ ދުވަހު އަހަރެން ކުރި އިންތިޒާރަށް ނިމުން އައީކަމަށް ހީކޮށް ހޮސްޕިޓަލަށް އަހަރެން ދިޔައީ ނިމާގެ ބައްޕަ ގުޅީމައި.. އޭގެ މާނައަކީ އަހަރެންގެ ނަމްބަރު ނިމާގެ ބައްޕަ އަތުގައި އޮތޭ! އެކަމަކު ނިމާ އަހަރެންނަށް އެންމެ ފަހަރަކުވެސް އިޝާރާތެއްނުވި.. ނިމާ ބަނޑުބޮޑުކަމެއްވެސް އަހަންނަކަށް ނޭގެ! ނިމާއަށް އިނގޭތަ ނިމާގެ ބައްޕަ ގުޅާފައި އެދުވަހު ބުނީ ކީކޭކަން؟" ޔަނާލް ދައްކަމުންދިޔަ ވާހަކަތައް ނިމާއަށް ގަބޫލުކުރެވޭކަމެއް ނުވަތަ ނޫންކަމެއް ޔަނާލްއަކަށް ނޭގެއެވެ. ބޮލަށް އުނދަގޫވީ، ނިމާގެ ނިއްކުރިއަށް ރޫ އަރުވާލާފައިވާތީއެވެ. ޔަނާލް ބުނަމުންދިޔަ ބަސްތަކާއިމެދު ޔަގީންނުވާކަމުގެ ނިޝާންތައް އެ ނިއްކުރީން ޔަނާލްއަށް ފެންނަމުންދިޔައެވެ.
"ކޮން ދުވަހަކު ޔަނާލް ހޮސްޕިޓަލަށް ދިޔަ ވާހަކައެއް..؟" މަޑުމަޑުން ނިމާއަށް ސުވާލުކުރެވުނެވެ.
"ނިމާ ބައްޕަ ގުޅާފައިބުނީ، އަހަރެންގެ ނަހަލާލުދަރި ބަލައި އަންނާށޭ، ނިމާ އެކުއްޖާ ބޭނުންނުވާކަމަށް ބުނެފިއޭ! ގަބޫލުކުރަން ބޭނުންނުވި ކިތަންމެ އެއްޗެއް ނިމާގެ ބައްޕަ އަހަރެންނަށް ނިސްބަތްކޮށްބުނި.. އެއިން އެއްވެސް ކަމަކަށް އަހަރެންގެ ފަރުވާލެއް ނެތް.. އެކަމަކު އަހަރެންގެ ދަރިޔަކާއި އަޅުވާފައި ނިމާގެ ބައްޕަ އެބުނި ބުނުން.. އަހަރެންގެ މުޅި ދުނިޔެ ފުނޑުފުނޑުކޮށްލި! އަހަރެންގެ ދަރިޔަކަށް އަހަރެންގެ ލޯބިވެރިޔާ ބަނޑުބޮޑުކަން އެނގުނުނަމަ، އަހަންނާއި ދުރުގައި އެންމެ ހިނދުކޮޅަކުވެސް އަހަރެން ނުބަހަށްޓާނެ! އެވަރުގެ ޔަގީންކަމެއްވެސް ނިމާއަށް އަހަރެންގެ ފަރާތުން ނުލިބުނުދޯ" ޔަނާލްގެ ކޮންޓޯރުން ބޭރުން އޭނާއަށް ކިތަންމެ ވާހަކައެއް ދެއްކުނީއެވެ.
ނަސީބާއިމެދު ޝަކުވާކުރާން އަހަރެން ވަގުތު އިސްރާފެއް ނުކުރަން! ވީ އެންމެ އަވަހެއްކޮށްގެން އަހަރެން ހޮސްޕިޓަލަށް ދިޔައީ މަންމައާއި ބައްޕަވެސް ގޮވައިގެން.. ބޭނުންވީ ހަމައެވަގުތުވެސް އަހަރެންގެ ބެލުމުގެ ދަށަށް ނިމާގެންނާން.. މަންމައާއިބައްޕަ ނިމާ ގަބޫލުކުރާނެކަން އަހަންނަށް ޔަގީންވޭ! އެކަމަކު އަހަރެންގެ ނަސީބު އަހަރެންނަށް ބޭވަފާތެރިވީ.." ޔަނާލްގެ ހިތުގެ ރިހުން ކިތަންމެ ރަގަޅަކަށްވެސް އޭނާގެ ހިތްދަތި ލަފްޒުތަކުން ނިމާއަށް އިހްސާސްވިއެވެ.
"އަހަރެން ނުވެސް ދެނަހުރިން ޔަނާލް ހޮސްޕިޓަލަށް އައިކަމެއް.. ބައްޕަ ޔަނާލްއަށް ގުޅިކަމެއްވެސް އަހަންނަކަށް ނޭގެ.. އަހަރެންގެ ދަރިޔަކު ދުނިޔޭގައި ހުރިކަމެއްވެސް އަހަންނަކަށް ޔަގީނެއްނޫން" ގިސްލަމުން ނިމާ ވެއްޓިގަތީ ޓައިލްސް މައްޗަށެވެ.
"ނިމާ މިފަހަރު ބުނިއެއްޗެއް ގަބޫލުކުރާން އުނދަގޫވީ ޔަނާލްއަށެވެ. ޓައިލްސްމަތީން ނިމާ އުފުލާލާފައި ޔަނާލްގެ އަތްމަތީގައި އުފުލާލިއެވެ. އެނދުމަށްޗަށް ޔަނާލްއަށް ބަލައިލެވުނީ އިޚްތިޔާރަކު ނޫނެވެ. އަތްމަތީގައި އުފުލާލުމުން ނިމާގެ މޫނު ނުހަނު ގާތުން ޔަނާލްއަށް ފެނެއެވެ. ރުއިމުގެ ސަބަބުން ދެލޯ ރަތްވެފައިވިޔަސް އެ ލޮލުގެ ބާރުގަދަ ޖަޒްބާތުތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ފުރަތަމަ ރޭ ޔަނާލްގެ ހިއްސުތަކުގައި ހުޅު ރޯކުރި ބާރު އެލޮލުގައި މިއަދުވެސް ވެއެވެ.
މަޑުމަޑުން އެނދުމަތީގައި ނިމާ ބާއްވާލިއެވެ. ފައިން ފެށިގެން ބޮލާއި ހަމަޔަށް ޔަނާލްއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. ލަދުވެތިކަމާއެކު ނިމާގެ އެސްފިޔަތައް ތިރިކޮށްލިއެވެ. ޔަނާލްގެ މިސްރާބުހުރީ ސީދާ ނިމާގެ މޫނަށެވެ. މަޑުމަޑުން ތިރިވަމުން އެސްފިޔަތައް ލައްޕާލިއެވެ. ދެ ނިއްކުރި ޖައްސާލާފައި ލަސްލަހުން ނޭވާލިއެވެ.
"ނިމާއަކީ ހަމައެކަނި އަހަރެންގެ ހައްގެއް" ޔަނާލްގެ ތުންފަތް ނިމާގެ ނިއްކުރީގައި ބީއްސާލަމުން ބުންޏެވެ. ގައިގައި ހުރި ހުރިހާ އިސްތައްޓެއް ކޮޅަށްޖެހިގެންދިޔަ ވަގުތު ނިމާގެ ދުލުން އާހް ގެ އަޑު ބޭރުވިއެވެ. ޔަނާލްއަށް ދެވުނު ދަޢުވަތެއްކަން ނިމާއަށް ރެއަކާލީ ޔަނާލްގެ ބާރުގެ ދަށުގައި ނިމާގެ ތުންފަތް ހައްޔަރުކޮށްލުމުންނެވެ. ވޭނީ އަހަރުތަކަކަށްފަހު ލޯބީގެ ރަހަ ލިބިގަތެވެ. ދުރައްލާން ނިމާގެ ދެއަތް މަސައްކަތްކުރިޔަސް، އެކަމެއް ނުވިއެވެ. ނޭވާގޮކޮޅަށްދާންދެން ދެތުންފަތުން އުފާ ހޯދިއެވެ.
"މުސްކާންގެ މަންމައަކީ ކާކު؟" އެންމެ ޖަވާބު ބޭނުންވި ސުވާލު ނިމާ އަމާޒުކޮށްލިއެވެ. ހިނިތުންވަމުން ޔަނާލްގެ ތުންފަތުން ލުއިގޮތަކަށް ލޯބިކޮށްލިއެވެ.
" ޝައްކުތަ؟ އެއީ އަހަރުމެން ދެމީހުންގެ ލޯބީގެ ނިޝާން.. ފުރިހަމަ ލޯބީގެ ނިޝާނެއް.. އެދަރިފުޅަށް ބަލައިލާފައިވެސް ނިމާއަށް ނޭގުނުތަ؟" ވަރަށް ލުއިކޮށް ބުނެލަމުން ޔަނާލް ސުވާލުކޮށްލިއެވެ. ހަމަ ކުއްލިޔަކަށް ޔަނާލް ތެދުވިއެވެ. ކަރަންޓުގައި ޖެހުނު މީހެއް ފަދައިން ނިމާގެ ގައިން ޔަނާލްގެ އަތް ދުރުކޮށްލިއެވެ.
"ކޮންކަހަލަ ސުވާލެއް ތިކުރީ؟ މިއޮތްހުރިހާ ދުވަހު ދެމީހުން އެކުގައި އުޅުނުއިރުވެސް ދެމީހުން އެކަކު އަނެކަކަށް ތަޢާރަފް ނުވަންތަ..؟ ތިއީ މަންމައާއި ދަރިފުޅުކަން އެކަކަށްވެސް ނޭގޭ.. ސީރިއަސްލީ؟" ގަބޫލުނުކުރެވިގެން ޔަނާލްގެ ސުވާލު ގޯންޏެއް އޮއްސައިލިއެވެ. ފުލުފުލުގައި ސުވާލުތައް އަމުނާލިއެވެ. ނިމާގެ އަތް ޔަނާލްގެ އަނގަމަތީގައި އެޅީ އެއަޑު ހުއްޓުވުމަށެވެ.
"އަހަރެންގެ ބައްޕަ ބުނީ އަހަރެންގެ ދަރިފުޅު، ވިހެއުމުގެ ތެރޭގައި ލިބުނު ގެއްލުމެއްގައި ފަރުވާދެމުން ދަނިކޮށް، ފުރާނަ ސަލާމަތް ނުކުރެވުނީކަމަށް.. އަހަރެން އެވާހަކަ ގަބޫލެއް ނުކުރަން.. އަހަރެންގެ ބައްޕަ ދުވަހަކުވެސް އަހަންނަށް ތެދެއް ހަދާފައެއް ނެތް.. އެންމެ ފަހަރަކުވެސް އަހަރެންގެ މައިވަންތަ ހިތް އެކަމަށް އެއްބަސްނުވޭ.. އަބަދުވެސް ހިތައް އަރާ، އަހަރެންގެ ދަރިފުޅު މިދުނިޔޭގައި ކޮންމެވެސް ތަނެއްގައި ވެއްޖެޔޭ! އަހަރެން ހޮސްޕިޓަލުން ފިލީވެސް، ދަރިފުޅު ހޯދުމުގެ ބޭނުމުގައި.." ކިތަންމެ އުނދަގުލުންވިޔަސް ނިމާގެ އިހްސާސްތައް ބުނެދޭން ބޭނުންވިއެވެ.
" ޔަނާލްއަށް ގުޅިކަމެއްވެސް ހޮސްޕިޓަލަށް އައިކަމެއްވެސް ނުދެނަހުރީން.. އަހަރެން އޮތް ވޯޑަށް އަންނަ ކޮންމެ ނަރުސްކުއްޖެއް ކައިރީން ދަރިފުޅުގެ ވާހަކަ އަހަން.. ދަރިފުޅުގެ ސިފަވެސް އަހަން.. އެންމެ ނަރުހަކު އެދަރިފުޅުގެ ސިފަތައް އަހަންނަށް ކިޔައިދިނީ.. ދަރިފުޅު ދުނިޔޭގައި އޮތްކަން ނުވަތަ ނެތްކަން އެކުދިންވެސް ނުބުނި.. އަހަންނަށް އެނގުނު ބައްޕަގެ ނުފޫޒުން ކަންތައްތަކެއް އެތަނުގައިވެސް ނުބައިކޮށްފިކަން.." ނިމާގެ ޖުމުލައާއެކު އޭނާގެ މޫނު ޔަނާލްގެ މޭގައި ފޮރުވައިލިއެވެ.
" ސޮރީ ލަވް! ބޭނުމެއްނޫން މިޝަކުވާތައް ކުރާކަށް! އެކަމަކު އަހަރެންގެ މިހިތެއް ނުހުއްޓުވުނު.."
- ނުނިމޭ -