ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
ފަހުބައި

އެދުވަހު ހޮސްޕިޓަލުގައި ހިނގާދިޔަ ހުރިހާކަމެއް ދެމީހުން، އެކަކު އަނެކާއި ހިއްސާކުރިއެވެ. ރަށު ސިއްހީ މަރުކަޒުން ނިމާ މާލެ ފޮނުވާލި ހިސާބުން ދަރިފުޅު ނިމާއަށް ގެއްލުމާއިހަމަޔަށް އޭނާ ޔަނާލްއަށް ތަފްސީލްކޮށްދިނެވެ. 

" ބައްޕަގެ ފަރާތުން އަހަންނަށް އެނގިފައި އޮތީ، ބައްޕަ އެތައް ފަހަރަކު ޔަނާލްއަށް ފޯނުކުރިކަމަށް.. އަހަރެން ބަނޑުބޮޑުކަން އެނގުނު ހިސާބުން، ޔަނާލްއާއި ހަވާލުކުރަން ބައްޕަ މަސައްކަތްކޮށް އެކަންނުވީ، ޔަނާލް ބޭވަފާތެރިވުމުންކަމަށްވެސް ބައްޕަ ބުނި.. ޔަނާލްގެ އޮފީހަށްވެސް ރައްޓެހިން ފޮނުވިކަމަށާ، އެވަރުންވެސް ނިމާއަކީ ޔަނާލް ދަންނަ މީހަކަށްވެސް ނުހެދިކަމަށް ބައްޕަބުނި" ހިތްވަރުކޮށްފައި ނިމާގެ މާޒީގެ ޞަފްޙާތައް ޔަނާލްއަށް ހުޅުވާލަދިނެވެ. ކެތްތެރިކަމާއެކު ޔަނާލް އަޑުއަހަމުންދިޔައީ ނިމާގެ ހިތާއި ސިކުނޑިން އެ އަނދިރި ހަނދާންތައް ނެރެ ބޭރުކުރުމުގެ ބޭނުމުގައެވެ. 

"އަހަރެން ދުނިޔޭގައި ހުންނާންބޭނުވީ ހަމައެކަނި ޔަނާލްއަށްޓަކައި.. އެ ޒިންމާގެ މައްޗަށް ބަރުވެގެންދިޔައީ ދަރިފުޅުގެ ހުވަފެންތައް.. އަހަރެންގެ ދުނިޔެއަކީ ޔަނާލްއާއި ދަރިފުޅުކަމަށް ސިކުނޑިއަށް ވިސްނައިދިނީ ކޮންމެވެސް ދުވަހަކުން ޔަނާލްގެ ޚަބަރެއް އަހަންނަށް ލިބޭނެކަމަށް އުއްމީދުކުރެވޭތީ.. މާބަނޑުވުމާއެކު އަހަރެން ވަރަށް ބަލިވި.. އެހީތެރިވާނެ ހަމައެކަކުވެސް ނެތް.. އަހަރެންގެ ބައްޕައަކީ އިންސާނެއްގެ ސިފައިގައި ހުއްޓަސް، ޖަންގަލީގެ ކޮންމެވެސް ހިސާބަކަށް ނިސްބަތްވާމީހެއް.. އަހަރެން އެހާލުގައި އިންނައިރުވެސް، އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަންނަން ކިތަންމެ ރެއަކު އަހަރެންނާއި ގާތްވާން މަސައްކަތްކުރި.. އިރު އަރަންދެން ރޮއެލަރޮއެލަ އިންނަނީ ނިދިފައި އޮއްވައިވެސް އެފަދަ  ބިރުވެރި އަމަލެއް ހިންގާފާނެތީ.. އަހަރެން އެހީއަށް އެދޭނީ ކާކު ކައިރީން..؟" ހަނދާންތަކުން ސިކުނޑިއަށް ބަރުވުމުން ނިމާއަށް މަޑުޖެހެވުނެވެ. ޔަނާލްގެ އޯގާތެރި ފިރުމުންތަކާއެކު އަނެއްކާވެސް މާޒީގެ ތެރެއަށް ފީނާލިއެވެ. 

" އެއްދުވަހަކު، ބޮޑުދައިތަ ފިރިމީހާ ބައްޕަ ހޯދަން އައި ވަގުތެއްގައި ނޯޓްކޮޅެއް އަހަރެން އޭނާއާއި ހަވާލުކުރިން، ބޮޑުދައިތައަށް ނުވަތަ ބޮޑުދައިތަގެ ދޮށީދަރިފުޅަށް ރައްދުކޮށްދޭށޭ ކިޔާފައި.. އޭގައި އަހަރެން ޔަނާލްގެ ތަފްސީލް ލިޔުނިން.. ޔަނާލް ހޯދައިދެވެން އޮތް ގޮތަކުން ހޯދާފައި އަހަރެން ބަނޑުބޮޑުވާހަކަ ބުނެދިނުމަށް އެދުނިން.. އެކަމަކު އެކަންވެސް ވީގޮތެއް އަހަންނަކަށްނޭގެ.. އެމީހުންވެސް އުޅުނީ އެމީހުންގެ އަމިއްލަ ކަންކަމުގައި.. އަހަރެންގެ ހާލަށް ހަމްދަރުދީވާނެ ހަމައެކަކުވެސް ނެތް" ޔަނާލްގެ ޓީޝާޓް ތެމެމުންދިޔައީ ނިމާގެ ކަރުނައިންނެވެ. ލޯބިލޯބި ފިރުމުންތަކުން ނިމާއަށް ތަސައްލީއެއް ދެވޭތޯ ޔަނާލް މަސައްކަތްކުރީ މަޑުމައިތިރިކަމާއެކުއެވެ. 

"ދަރިފުޅުގެ ފުރިހަމަ ޚަބަރެއް ނުލިބުމުން އަހަރެން ދިރިހުރުމުގެ ހުރިހައި އުއްމީދެއް ކަނޑައިލިން.. މުޅި ހަޔާތުގައިވެސް ބޭވަފާތެރިކަމާއި އަނިޔާއާއި އޮޅުވާލުމާއި ހީލަތްތެރިކަން ނޫނީ އަހަރެން ތަހަންމަލު ނުކުރަން.. ހަމަ އެންމެ ރެއެއް ފިޔަވައި..! އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ރޭ! ޔަނާލްގެ ބޭވަފާތެރިކަމުގެ އެތައް ވާހަކަޔަކުން އަހަރެންގެ ފިކުރުތައް ގަޑުބަޑުކުރީ ވިހަގަދަ ޒަހަރެއް ފަދައިން.. ބައްޕަ ލޮލަށް ފެންނަ ކޮންމެ ފަހަރަކު ދައްކަނީ ޔަނާލްގެ ކޮންވެސް ބޭވަފާތެރިކަމެއްގެ ވާހަކަ.. ލިބުނު މާޔޫސްކަމުގައި އަހަރެން ބޭނުންވީ ބައްޕައަށް ނުފެންނަ ހިސާބަކަށް ދާން.." އުއްމީދުގެ ހުޅުކޮޅު ނިވުނު ހަނދާންތައް ނިމާއަށް ނުހަނު ހިތްދައްޗެވެ. 

" ހޮސްޕިޓަލުން ނިކުމެގެން އަހަރެންނަށް ދެވުނީ ކޮންތާކަށްކަމެއްވެސް  ނޭގެ.. ދަރިޔަކު ބަނޑުއަޅައިވިހޭ އަންހެނަކަށްވާތީ ގުދުރަތީގޮތުން ހަށިގަނޑަށް އަންނަމުންދިޔަ ހުރިހާ ބަދަލެއް  އަހަރެންގެ ހަށިގަނޑުވެސް ތަހަންމަލްކުރަމުންދިޔަކަން އިހްސާސްކުރެވުނީ އަހަރެންގެ ދެފައިތިލައާއި ހަމައަށް ހޯސްލާފައި ލޭ ފައިބާން ފެށުމުން.. އަހަރެން އަތުގައި އެންމެ ރުފިޔާއެއްވެސް ނެތް! ރައްކާތެރިކަމެއް އަހަރެން ހޯދާނީ ކިހިނެއް؟ ފައިބަމުންދިޔަ ލޭގެ ކޯރު ހުއްޓުވަން އަހަންނަށް ކުރެވޭނީ ކޮންކަމެއް؟ ނަސީބަކުން އަނދިރި ރެއަކަށްވުމުން، އެމަންޒަރު އެހެންމީހުންގެ ލޮލުގައި އަޅައިނުގަތް.. ދުވަހަކުވެސް މާލެއަށް އައިސްފައިހުރި މީހަކަށްނުވާތީ، ދެވޭ ނުދެވޭ ތަނެއްވެސް ނޭގެ.. ބޮލަށް އެނބުރުން އެރުމުން ކައިރީގައި ހުރި ފާރެއްގައި އަތް ވިއްދާލިވަގުތު އެނގުނީ ކުރިމަތީގައި އޮތީ މޫދު، ނުވަތަ ކަނޑުކަން.. ތޮށިގަނޑުމައްޗަށް އަހަންނަށް އެރުނީ ކިހިނެއްކަމެއްވެސް ނޭގެ.. މޫދު ފެނުމާއެކު އެ އަނދިރިގަނޑުގެ ތެރެއިން އަހަރެން ފުންމާލީ ދިރިހުންނާން ބޭނުންނުވީމައި.." ނިމާއަށް ރޮވެނީއެވެ. އެކަމަކު ވާހަކަ ހުއްޓައެއް ނުލިއެވެ. ޔަނާލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދެލޯ ރަތްވެ، ތުންފަތް ތުރުތުރުލަނީއެވެ. ނަމަވެސް ހިތްވަރުކުރީ ނިމާގެ އިހްސާސްތަކަށް ހަމަޖެހުމެއް ގެނެސްދެވޭތޯއެވެ. 

" ފަތާކަށްވެސް ނޭގޭ.. އެހެންވީމާ ހީކުރީ އަހަރެން އަޑިއަށް ދަނީކަމަށް.. އެކަމަކު ކޮންމެވެސް މީހަކު އަތުގައި ހިފިކަން އެނގުނު.. ދެން ލޯ ހުޅުވާލެވުނީ ދުވާލެއްގެ އަލިކަމުގެ ތެރެއަށް.. ފުރަތަމަވެސް ބަލައިލެވުނީ އަހަރެންގެ އަންނައުނު ގައިގަ ނެތުމުން.. ނުވެސްދަންނަ މާހައުލަކަށް، ލޯ ހުޅުވުމުން ވަށައިގެން ބަލައިލެވުނީ ގަތް ބިރުން.." ޔަނާލްގެ އަތުގައު ނިމާ ނިކަން ބާރަށް ހިފަހައްޓާލިއެވެ. އެދުވަހުގެ ބިރުވެރި މަންޒަރު ނިމާގެ ލޮލަށް ސިފަވާނީކަން ޔަނާލްއަށްވެސް އެނގުނެވެ.  

" ޔަނާލް! އަހަރެންގެ ވަށައިގެން ތިބީ ބޮޑެތި ތިން ފިރިހެނުން! އެމީހުންގެ މޫނުމަތީން ފެންނަމުންދިޔަ ކުލަވަރަކީ އަހަރެންނަށް އާ ކަންތައްތަކެއްނޫން.. އެތައް ރެއެއްގެ ނިދީން އަހަރެން މަހުރޫމްކުރީ އެ ބިރުވެރިކަން.. ތިން މީހުންގެ ފޯނު ހިއްލާލާފައި އެމީހުން ދައްކައިލީ އަހަރެންގެ އުނުގައި އެންމެ ފޭރާމެއްވެސް ނެތި އެމީހުން ކޮށްފައިވާ ވީޑިއޯ.. ތިން މީހުންވެސް ވަކިވަކީން އެކަންކޮށްފައިހުރީ.. އަހަރެން ދޫކޮށްލައިދިނުމަށް ރޮއެ އާދޭސްކުރީން.. އެކަމަކު އެއިންމީހެއްގެ ކަންފަތެއްވެސް ނޫނީ ހިތެއްވެސް ނެތްފަދަ..!" ނިމާގެ ގައިގައި ޔަނާލް ނުހަނު ލޯބިން ބައްދައިލިއެވެ. އެ ދެއަތުގެ ތެރޭގައި މުޅިއުމުރަށްވެސް ނިމާއަށް އަމާންކަން އޮތްކަން އިޙްސާސްކޮށްދިނުމަށެވެ. 

" އިތުރު ފިރިހެނަކު، ނުވަތަ އަނިޔާވެރިޔަކު ނިމާގެ ގައިގައި މީގެފަހުން އިނގިލިކުރި ޖައްސާލިޔަވެސް ނުދޭނަން..  ވަރަށް ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. އަހަންނަށް މަޢާފްކުރޭ! މި ނުބައި އަނިޔާވެރި ދުނިޔެއަށް ނިމާ ދޫކޮށްލާފައި ތި ރަށުން އާދެވުނީތީ އަމިއްލަ ނަފުސަށް ދުވަހަކުވެސް މައާފެއް ނުކުރާނަން" ނިމާގެ މޫނުގެ އެތައް މިތަނުގައި ޔަނާލް ބޮސްދިނެވެ. 

"އެމީހުން ކިބައިން ސަލާމަތްވީ ކިހިނެއް؟" ޔަނާލް ސުވާލުކޮށްލިއެވެ. 

"ސަލާމަތެއް ނުވޭ.. އެއީ ފެށުން! އަހަރެންގެ އަނގަޔަށް ބޮޑު ފޮތިގަނޑެއް ކޮއްޕާލާފައި، ދެއަތާއި ދެފައިގައި ވާޖަހާފައި އެނދުގެ ހަތަރުކަނުގައި އެއްސީ އަހަރެން ރޮއެރޮއެ އޮއްވައި.. ތިން މީހުންގެ ހިތް ފުރެންދެން އަހަރެންގެ ހަށިގަނޑުގެ ބޭނުން އެމީހުންކުރި.. ލެއިން ތަތްތެޅިފައި އޮތް އެނދުމަތީގައި ދެދުވަސްވަންދެން އަހަރެން އޮތީ އެހާލުގައި.. ތިނަވަނަ ދުވަހު އަހަރެން އުފުލައިގެން ގެންގޮސް، ފެންވަރުވާ އަންނައުނު ލެއްވީވެސް އެއިގެން މީހެއް.. ޖެހިގެން އައި ދުވަހު އަހަރެންގެ ފޮޓޯ އެމީހުންނެގި.. ފިންގަރޕްރިންޓްވެސް އެއްޗެއްގައި ޖެހުވި.. އެއީ ޕާސްޕޯޓާއި އައިޑީކާޑް ހަދަން އެމީހުންކުރިކަމެއްކަން އެނގުނީ ލަންކާގެ ކޮންމެވެސް ހޮޓަލެއްގެ އެނދެއްގެ މަތީގައި އަހަރެން އޮއްވައި ލޯ ހުޅުވާލެވުމުން.. އެމީހުން އަހަރެން ބޯޓަށް އެރުވީ ކިހިނެއްކަމެއްވެސް ނޭގެ.." ނިމާގެ ހަޔާތުން ބިރުވެރި ސަފްހާތައް ޔަނާލްއަށް ކިޔައިދެމުންދިޔައެވެ. 

އަޑުއަހަން ކިތަންމެ އުނދަގުލަސް ޔަނާލް ކެތްކުރިއެވެ. 

" އޭރު އަހަރެންގެ ހަށިގަނޑުގައި އެންމެ ވިންދެއް ޖަހާކަމުގެ އިހްސާސްވެސް ނުކުރެވޭ.. ނޭވާލެވުނަސް، އަހަރެންގެ ފުރާނަ އެހިސާބުން އަހަރެންގެ ހިތާއި ވަކިވެއްޖެ.. އެއީ ފުރަތަމަ ފަހަރަށް ބޮޑު އަގުގައި އަހަރެން ވިއްކާލި ފަހަރު، އެއިގެ ފަހުން އެފަދަ ކިތަންމެ މީހަކު އަހަރެންގެ ބޭނުންކޮށްފައި ނޭވާ ނުހިންގާވަރުވުމުން އަނެއްކާވެސް އެހެން މީހަކަށް ވިއްކާލަނީ.. ލަންކާއިން އިންޑިއާއަށް ގެންދިޔައީވެސް ކަނޑުބޯޓެއްގައި.. އެމީހުން ގެންގުޅޭ ކުއްތާއެއް ނުވަތަ ބުޅަލަކަށް ދޭ ގަދަރުވެސް އަހަންނަށް ނުލިބޭ.. މުސްކާންއާއި ބައްދަލުވި ތަނަށް އަހަރެންނަށް ދެވެންދެން އަހަރެންގެ ހާލަކީ އެއީ.. އެތަނަށް ގެންދިޔައީ ކާކުކަމެއްވެސް ނޭގެ.. އަހަރެންނަށް  ފާތިމާ ގެނަމުން ނަންދިނީ ކާކުކަމެއްވެސް ނޭގެ.. އަހަރެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކަން.. ޚުދު އަމިއްލަ އަޑު ހުންނަ ގޮތްވެސް އެނގުނީ މުސްކާންގެ ސަބަބުން.. އަހަރެން މިހުރި ސިފައިގައި މިއަދު ޔަނާލްއަށް ތިފެނުނީ މުސްކާންގެ ވަރަށް މަސައްކަތުން.. އެދަރިފުޅަށް އަހަރެން ފެނުނުއިރު އަހަރެންގެ ސިފަ، ބުނެދޭނެ ހިތްވަރެއް އަހަރެންގެ ދުލަކު ނެތް.." މުސްކާންގެ ނަން ނިމާގެ ދުލުން ބުނެލާ ލޯބިގޮތް މިރޭވެސް ޔަނާލްއަށް ވަރަށް ޚާއްސައެއެވެ. 

" އަހަރެންނަށް ދެވަނަ ފަހަރަށް ދުނިޔެ ލިބުނުފަދަ.. ﷲގެ ކުޅަދުންވަންތަވެރިކަން ދެކިބަލަ! އަހަރެންގެ ފުރާނަ ނުގޮސް އެހުރިހާ ދުވަހު ވިންދެއް ޖަހަމުން އެދިޔައީ މިދުވަސް އަހަރެންގެ ނަސީބުގައި މިންވަރު ކުރައްވާފައި އޮތީމައި.. އަލްޙަމްދުލިﷲ... އަހަރެންގެ ފަރުވާއާއި ކުރެވުނު އޮޕްރޭޝަންތަކުގެ އަދަދާއި އަހަރެން މި ހާލުގައި ބެހެއްޓުމަށް ހިނގި ޚަރަދު އެންމެ ރަގަޅަށް އެނގޭނީ ޔަނާލްއަށް..!" ނިމާއަށް ރޮވެނީއެވެ.

ގިސްލަމުން ނިމާ ދެއްކި ހުރިހާ ވާހަކައެއް ނުހަނު ކެތްތެރިކަމާއެކު ޔަނާލް އަޑުއަހައިފިއެވެ. ހިތްވަރެއް ދިނުމަށްވެސް ނުވަތަ އެނޫން އިހްސާސެއްގައިވެސް ބުނަން ބޭނުންވި ހަމަ އެންމެ ލަފްޒެއްވެސް ޔަނާލްއަށް ނުބުނެވުނެވެ. ނިމާގެ ކޮންމެ އަނިޔާއަކަށް ޒިންމާވާންޖެހޭނީ ޚުދު ޔަނާލްކަމަށް އޭނާއަށް ގަބޫލުކުރެވިއްޖެއެވެ. އަމިއްލަ ޟަމީރު އިންތިހާއަށް ކުއްވެރިކުރެވިއްޖެއެވެ. ދުވަހަކުވެސް މަޢާފުލިބުމެއް ނެތް ފުން ޒަޚަމުތަކެއްގެ ރިހުން އެހިތުގައި ބިންވަޅުނެގިއްޖެއެވެ. ކޮންމެ ފަދަ ހާލެއްގައިވެސް މުސްކާންއާއި ނިމާ ބައްދަލުވުމަކީ ބޮޑު ނިޢުމަތެކެވެ. އެއީ ތަގްދީރުގެ ނިޔާއެވެ. ހަޔާތުން އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު އެކަމަށްޓަކައި ﷲގެ ކިބަފުޅަށް ޔަނާލް ޝުކުރުވެރިވާނެއެވެ. 

" ހަގީގަތުގައި އަހަރެންގެ ހަށިގަނޑު ޠޯހިރެއް ނޫން.. ކިތަންމީހުން އަހަރެންގެ މިހަށިގަނޑު ވީދައިގެން ކެއިކަން ޚުދު އަހަންނަށްވެސް ގުނާ އަދަދުނުކުރެވޭ.. ޔަނާލްގެ ޙަޔާތުން ނޯކަރެއްގެ ވަޒީފާ ލިބުނަސް އަހަރެން އުފާލާއެކު ގަބޫލުކުރާނަން" ނިމާގެ ހިތުގައި އޮތް އެއްޗެއް އޭނާ ބުނެލިއެވެ. ޔަނާލްގެ ދެލޮލުން އޮހޮރުނު ކަރުނައާއި ގިސްލުމުގެ އަޑެއް އިއްވާނުލުމަށް ކެތްކުރަމުންދިޔަ މިންވަރު ނިމާއަށް އެނގުނީހީ ޔަނާލްގެ މޫނު ފެނުނުނަމައެވެ. ހިތްކުދިކުދިވެ، ޔަނާލްގެ ދެ ލޯ ރަތްވެއްޖެއެވެ. އަޑުގައި ހުރި ބާރެއް ލާފައި ރޯން ބޭނުމެވެ. ނަމަވެސް ނިމާއަށްޓަކައި ޔަނާލް ކެތްކުރާނެއެވެ. 

" ޔޫ އާރ މައި ކްއީން..! މިހިތުގައި ނިމާއަށް ދީފައިވާ ގަދަރު އިހްސާސްކުރެވޭނަމަ.. ތިހެން ހިތައްވެސް ނާރުވާނެ! ނިމާގެ ކިބައިން މަޢާފަށް އެދުން ފިޔަވައި އަހަންނަށް ކުރެވޭނެ ކަމެއްނެތް.. ބުނަން ބޭނުމީ، އިން ޝާ ﷲ މިރޭގެ ފަހުން ނިމާގެ ލޮލުން ހިތާމައިގެ  ކަރުނައެއް ވައްޓާލުމަށް އަހަރެން ފުރުޞަތެއް ނުދޭނަމޭ..  މާޒީއާއިމެދު އަހަރެން ބުނާނެ އެއްޗެއް ނެތް.. ނިމާއަށް ކުޅަދާނަ ކަމަކަށްވަންޏާއި އެމާޒީ ނިމާގެ ސިކުނޑިން ފޮހެލުން އެއީ އަހަރެންގެ އެދުމެއް.. މިރޭން ފެށިގެން އަހަރުމެން ކުލަޖައްސާނީ އަހަރުމެންގެ މުސްތަގްބަލްގައި.. މާޒީއަށް ބަލައިގެން ކަރުނައެޅުން މިހިސާބުން ނިމުނީ.." ދެއަތުން ޔަނާލްގެ ދެ ލޯ ފެހޮލިއެވެ. ކަރުނައިގެ ތެރެއިން ހިނިތުންވާން މަސައްކަތްކުރިއެވެ. 

" ޔަނާލްގެ ހަޔާތުން ސަފްހާއެއް ނުހުޅުވާނަންތަ؟" ޔަނާލްގެ އަތުގައި ފިރުމާލަމުން ނިމާ ސުވާލުކޮށްލިއެވެ. ޝައުގުވެރި ވެފައިވިޔަސް، ލިބިދާނެ ޖަވާބަކަށް ޖެހިލުންވެހުރެ އިސްޖަހައިލިއެވެ. ނިމާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި ޔަނާލްގެ މޫނާއި ސީދާ ކޮށްލިއެވެ. ޔަނާލްގެ ލޮލަށް ބެލުމަކީ ނިމާއަށް ފަސޭހަކަމެއް ނޫނެވެ. ކަޅިރަވައިގެ ބާރުން ބަލިކަށި ހިތްތައް ފަތަހަކޮށްލާފަދަ ޖާދޫއެއް އެލޮލުގައިވެއެވެ.  

ނިމާގެ ސުވާލާއެކު ޔަނާލްއަށް ހިނިތުންވެވުނީ ކީއްވެކަން އޭނާއަށްވެސް ނޭގެއެވެ.

"ކިހިނެއްވީ؟ ޖެލަސް..!!؟؟" އެއްބުމަ މައްޗަށް ހިއްލާލަމުން ޔަނާލް ސުވާލުކޮށްލީ ނިމާގެ ތުންފަތުގައި އޭނާގެ ތުންފަތް ކިރިޔާ ޖެހޭނުޖެހޭވަރު ގާތްވެލާފައެވެ. 

"ނޫން ނޫން.. ބަލަން ބޭނުވީ، އެނަސީބުވެރިޔަކީ ކޮބައިތޯ؟" ނިމާގެ ސުވާލުން ޔަނާލްއަށް ލިބުނީ އިންތިހާ ހިތްހަމަޖެހުމެވެ. ފުރަތަމަ ރޭ އެދެމެދުގައިވީ ގާތްކަމާއި އެކުވެރިކަން މިރޭވެސް އެދެމެދުގައި ވީތީއެވެ. ކޮންމެ ވާހަކައެއް ދައްކަން ޖެހުނަސް، ޖެހިލުންވުމެއް ނެތެވެ. ވަކި ސުވާލެއް ކުރާން ބިރެއް ނުގަނެއެވެ. ވަކި ވާހަކައެއް ދައްކަން ލަދުން ފަހެއްނުޖެހެއެވެ. ހަގީގީ ލޯތްބަކީއެއީއެވެ. ޔަނާލްގެ ހިތްހަމަޖެހުން އޭނާގެ ހިނިތުންވުމުން ސާފުވިއެވެ. 

" ނިމާ ނުޖެހޭނެ ޖެލަސްވާކަށް.. ނުވަތަ ނުތަނަވަސް ވާކަށް.. މިހިތަކީ އަދި އަހަރެންގެ މި ހަށިގަނޑަކީ ހަމައެކަނި ނިމާގެ ހައްގެއް.. ފުރާނައިގެ ފަހު ނޭވާއަށްވެސް މި ގޮތުގައި ދެމިހުންނާނަން.. އެރޭގެ ފަހުން ދުވަހަކުވެސް އަންހެން ކުއްޖަކު އަހަރެންގެ ހަޔާތަށް ނުގެންނަން.. މުސްކާން އެއީ އަހަރެންގެ ފުރާނަ! އަހަރުމެން ދެމީހުންގެ ދުނިޔެއަކީ އެކަކު އަނެކަކު.. އެގޮތުގައި ފާއިތުވި އަހަރުތައް މިދިޔައީ.. އެކަމަކު މިހާރު އަހަރެންގެ ދިރިއުޅުން ފުރިހަމަވެއްޖެ.. ބާކީ އޮތީ އެންމެ ކަމެއް!" ޔަނާލްގެ ލާނެއް ރާގު، ނިމާއަށް ނުހަނު ކަމުދިޔައެވެ. އިޝްގީބެލުމަކުން ހަތަރުކަޅި ހަމަވިއެވެ.

ނިމާގެ ނިއްކުރީގައި ޔަނާލް ތުންފަތް ޖައްސައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ދެލޮލުގައި ބޮސްދިނެވެ. އެއަށްފަހު ނޭފަތުކުރީގައި ލުއިލުއިކޮށް ތުންފަތް ބީއްސާލިއެވެ. ޔަނާލް ދެން ބަލައިލީ ނިމާގެ މަޑުފިޔާތޮށިކުލައިގެ ތުންފަތަށެވެ. ދެ ލޮލުގެ އެސްފިޔަތައް ލައްޕާލަމުން ނިމާގެ ފުރިހަމަ ދަޢުވަތު ޔަނާލްއަށް ހުށަހެޅިއެވެ. ހިނިތުންވުމާއެކު، އެ ދަޢުވަތު ޔަނާލް ގަބޫލުކުރިއެވެ. ދެ ތުންފަތުގެ ހޫނުކަން ލިބިގެންދިޔަ ވަގުތު ނިކަން ބާރަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ތަޅުނުލައި ތިބެވުނުކަން ހަނދާންވީވެސް ވާނެއެއްޗެއް ވީ ފަހުންނެވެ. 

" އަޅުގަނޑަކަށް ނުފެނޭ.. އެއްވެސް ކަމެއް ކުރަނިކޮށް ނުދެކެން" މުސްކާންގެ ލޮލުގައި އަމިއްލަޔަށް އަތް އެޅިއެވެ. ގަސްތުގައި މަންމައާއި ބައްޕަ ލަދުގަނަންވާލަން މުސްކާން ބޭނުންވިއެވެ. ހިނިތުންވުމުގެ އަޑު އެމާހައުލަށް މުސްކާންއަށް މުހިއްމުވިއެވެ. 

" މިވަގުތު މައާފުކޮށްފިން.. ބަޓް، ޔޫ ވިލް ހޭވް ޓް ޕޭ ފޯރ ޑިޒް" އިންޒާރުގެ އިނގިލި ޔަނާލް ދިއްކޮށްލުމުން މުސްކާންގެ ދުލުގައި ދަތް އެޅިއެވެ. 

"ސޮރީ ސޮރީ ސޮރީ.. ރިންގް ނެތި ޕްރޮޕޯޒް ކުރާކަށް ނުވާނެއްނުން.. ދެން އަނެއްކާ، ހެކިންވެސް ތިބެންޖެހޭނެ ދޯ... ޝަރީފްބޭ...! ނިޝާނާދައްތާ..! މާމާ .. ކާފާ.. ނިކަން ބާރަށް މުސްކާން ގޮވައިލިއެވެ.

މިހުރިހާއި ކަމެއްގެ ތެރެއިންވެސް މުސްކާންއަށް ކަމެއް ފާހަގަކުރެވެމުން ދިޔައެވެ. ނަމަވެސް ނުފެންނަކަމަށް ހެދީ ގަސްތުގައެވެ. މުސްކާން އެ ކޮޓަރީގެ ދޮރު ހުޅުވީންސުރެން ނިމާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާ ނުލައެވެ. އެސްފިޔަ ޖަހައިވެސްނުލާ ނިމާ ބަލަމުން ގެންދިޔައީ މުސްކާންއަށެވެ. އެކަން އެނގިހުރެ މުސްކާން ނުފެންނަކަމަށް ހެދިއެވެ. 

މުސްކާން އަތުގައި ހިފައިގެން ޝަރީފުއާއި ނިޝާނާވެސް ކޮޓަރި ތެރެއަށް ވެއްދިއެވެ. އޭގެ ފަހަތުން މުރުޝިދާއާއި ޒަމީލްވެސް އެތެރެއަށް ވަނެވެ. ހިނިތުންވުމުން މޫނުތައް އުޖާލާވެފައިވާއިރު، ނިޝާނާގެ އެސްފިޔަތަކުގެ ހަރަކާތްވަނީ ހުއްޓިފައެވެ. 

"މިހާރު ވިސްނިއްޖެ ޔަނާލްގެ ހަޔާތުން އެހެން އަންހެންކުއްޖަކަށް ދުވަހަކުވެސް ޖާގައެއް ނުލިބި އޮތް ސަބަބު..  މާ ޝާ ﷲ، ނިމާ! ޔޫ އާރ ވެރީ ބިއުޓިފުލް.. ވަރަށް ވަރަށް ރީތި.." ނިޝާނާއަށް ބުނެވުނީ ހުވަފެނީ ގޮތަކަށެވެ. 

ލޯތްބާއެކު ނިޝާނާ ނިމާގެ ގައިގައި ބައްދާލިއެވެ. އެކުވެރިޔަކު ލިބުނުކަމުގެ އިހްސާސް ނިމާއަށް ކުރެވުނީ ޝަރީފުގެ ހިނިތުންވުން ފެނުމުންނެވެ. ލޯބި ލޯބި އުފާވެރި އާއިލާއެއްގައި ހިތްގައިމު ނޭވާއެއް ލުމުގެ ފުރުސަތު ދުވަހަކުވެސް ލިބިދާނެކަމަށް ނިމާއަށް ހުވަފެނުންވެސް ފެނިފައެއް ނެތެވެ. 

" ޝަރީފްބޭ ކޮބާ ރިންގް؟" މުސްކާންގެ މަސައްކަތް ކުރިއަށްގެންދާން އޭނާ ބޭނުންވިއެވެ. 

"ރިންގް އެޅުވިދާނެ.. އޭގެ ކުރިން ބައްޕަ ކުރަންޖެހޭ ކަމެއް އެބައޮތް.. ބައްޕަގެ ޕްރިންސެސް އާދެބަލަ.." ޔަނާލްގެ ލޯބިލޯބި ޖުމުލައާއެކު މުސްކާންގޮސް ޔަނާލްގެ އަތުގެ ތެރޭގައި ބޮނޑިވެލިއެވެ. 

"ދަރިފުޅުގެ ހުރިހާ ސުވާލަކަށް ޖަވާބުދޭން ބައްޕަ ތައްޔާރު.. އޭގެކުރީން ދަރިފުޅުގެ ކިބައިން ބައްޕަ އެދޭކަމެއް އެބައޮތް،  މި އަނިޔާވެރި ދުނިޔޭގެ އެންމެ ނުބައިވެގެންވީ ވަކިތަކުގެ ތެރެއިން ދަރިފުޅުގެ މަންމަ، ބައްޕައަށް ސަލާމަތްކޮށްނުދެވި، މަންމަ އުފުލަން ޖެހުނު ކޮންމެ ވޭނަކަށް، ބައްޕައަށް ދަރިފުޅު މަޢާފުކޮށްދީ.. ޕްލީޒް ބޭބީ!" ޔަނާލްގެ ދެއަތް ޖޯޑްކޮށް މުސްކާން ކުރިމައްޗަށް ހުއްޓުނެވެ. 

" ބައްޕަގެ ލޯބިވާ އެންމެން ރައްކާތެރިކުރުމުގައި ބައްޕަގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެކަމަށް އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ގަބޫލުކުރަން.. ބައްޕަ މަޢާފަށް އެދެން ޖެހޭވަރުކަމެއް ދުވަހަކުވެސް ނުކުރާނެ.. " މުސްކާންގެ ހިތުގައި ޔަނާލްއަށް އޮތް ލޯތްބާއި އިތުބާރު އެ ކޮޓަރީގެ ހަތަރުފާރުވެސް ހިއްސެއް ހުރިހަމަ އުފަލުން ރޮއްވާލީހެވެ. 

"ދެން އޮތީ ވަރަށް އުނދަގޫ ވާހަކައެއް.. ދަރިފުޅުގެ ހަޔާތުން ދުވަހަކުވެސް މަންމައެއްގެ ލޯބި، ބައްޕައަށް އަދާކޮށްދެވިފައެއް ނުވޭ.. އެކަން ފުރިހަމަކޮށްދިނުމުގައި ބައްޕަވަނީ ނުކުޅެދިފައި.. ދަރިފުޅާ! މީޓް ޔޯ މަމް.. މިއީ ދަރިފުޅުގެ މަންމަ.. މިއީ ބައްޕަގެ ނިމާ!" ޔަނާލްގެ ލޮލުން ވެއްޓުނީ ކަރުނަ ތިއްކެކެވެ. 

ނަމަވެސް ތުންފަތުން ފެނުނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. މުސްކާންއަށް ފިޔަވަޅެއް ނޭޅެނީސް ބާރުދަގަ ދެއަތެއްގެ ތެރޭގައި މުސްކާން ބޮނޑިކޮށްލައިފިއެވެ. ނިމާގެ ރުއިމުގެ އަޑުން މުޅި ކޮޓަރީގެ ހާލަތު ބަދަލުވިއެވެ. ނިމާއާއެކު މުސްކާން ރޯންފަށައިފިއެވެ. ދެމައިންނަށް ފުރުސަތު ދީގެން ޔަނާލްއަށް މާގިނައިރަކު ނުހުރެވުނެވެ. ދެމައިންގެ ގައިގަ ޔަނާލް ބައްދާލިއެވެ. ހިތްފުރެންދެން ރުއެވެ. ކަރުނައަކީ ފަރުވާއެއްކަމުގައި ފުދެނީ މިފަދަވަގުތު ތަކުގައެވެ.  

"މާ ގިނައިރުވަންޏާއި މި ޑައިމަންޑް ރިންގް ޝަރީފްބެ އަޅުވާނީ ނިޝާނާދައްތަ އިނގިލީގަ... އޯކޭ ދޯ އެގޮތް.." މާހައުލު ބަދަލުކޮށްލުމަށް ޝަރީފް މަސައްކަތްކުރިއެވެ.

އެއާއެކު ލުއި ހިނިތުންވުމުގެ އަޑުން ކޮޓަރިތެރެއަށް ދިރުންލިބުނީއެވެ. އެންމެންގެ އެއްބާރުލުމާއެކު ޔަނާލް، ނިމާގެ ވައަތުގެ ކަށިއިނގިލީގައި މުސްކާން ދިއްކޮށްލި އަނގޮއްޓި އަޅުވާލިއެވެ. ރަން އަނގޮއްޓިއެއްގައި ހަތަރެސްކަން ޖަވާހިރެއް ޖަހާލާފައިވާ އަގުބޮޑު ހިތްގައިމު އަނގޮއްޓިއެކެވެ. ނިމާގެ އިނގިލީގައި އަނގޮޓި އަޅުވައިލުމަށްފަހު ޔަނާލް އެ އިނގިލީގައި ބޮސްދިނެވެ. އެއާއެކު ޔަނާލްއަށް ބަލައިލެވުނީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ. ގަޑިން އެގާރަގަޑި ފަންސާސް ފަހެކެވެ. އެއް ލޯ މަރައިލަމުން ނިމާއަށް ދައްކައިލީ ގަޑިއެވެ. ދެ ލޯ ބޮޑުކޮށްލާފައި ނިމާއަށް އަނގަމަތީގައި އަތްއެޅުނެވެ. ތެދެކެވެ. ދެ ހިތެއް އެކުވެގެންދިޔަ އެރޭވެސް އެ އުފާލިބުނީ ހަމަ މިގަޑީގައެވެ. މެންދަމުގެ ބާރަ ނުޖަހާތީ އުފާވެރިކަން ދެދުވަހަށް ބެހިގެންދިޔައީއެވެ. 

ހަތަރުމަސް ފަސް 

"ނިމާ..! ނިމާ..! އަހަރެންގެ ޓައީ ކޮބާތަ؟" ކޮޓަރީ ތެރެއިން ގޮވާލިއަޑު ބަދިގެއަށްވެސް އިވިއްޖެއެވެ. ސައިތައްޔާރު ކުރުމުގައި ނިމާއަށް އެހީތެރިވާން ތިބި މުސްކާންއާއި މުރުޝިދާގެ އަނގަމަތީގައި އަތް އަޅައިގެން ހޭން ފެށިއެވެ. 

" އޯކޭ އޭކޭ.. މުސްކާންއާއި މާމަޔާ ދެމީހުން ސައި ތައްޔާރުކޮށްލާނަން.. ކޮލެޖަށް ދިއުމުގެކުރީން މުސްކާން ސައިބޯން ބޭނުން.. ވައިފް ނެތީމައި ޓައީވެސް ނުފެންނާނެ.. އަވަހަށް ދޭ ވައިފް! އެނދުމަތީގައި ރީތިކޮށް ބާއްވާލާފައި އޮތް ޓައީ ނިކަން ލޯބިން އަޅުވާލަދޭތި..!" ލާނެއް ރާގަކަށް މުސްކާން ބުނެލުމުން މުރުޝިދާވެސް އެ ހިނިގަނޑުގައި ބައިވެރިވިއެވެ. ލަދުން އިސްޖަހައިލަމުން ނިމާ މިސްރާބުޖެހީ ކޮޓަރިއަށެވެ. 

"މަންމާ... މެންދުރު ކާ ގަޑި ޖެހުމުގެ ކުރީން ސައިބޯން ނިކުންނައްޗޭ" މުސްކާންގެ ޖުމްލައާއެކު ނިމާގެ މޫނު ފިޔާތޮށި ކުލައަށް ބަދަލުވެގެންދިޔައެވެ. ލަދުން އިސްޖަހާލަމުން މިސްރާބު ބަދަލުކޮށްލީ ބަދިގެއާއި ދިމާއަށެވެ. 

"މިއަދު އަމިއްލައަށް ޓައީ އަޅަން ބަހައްޓާ" ލަދުން ނިމާއަށް ބުނާނެ އެއްޗެއް ވެސް ނޭގުނީއެވެ. 

މައިދައިތައާއި ދަރިފުޅުގެ ދިމާކުރުމުން ސަލާމަތްވެވޭނެ ގޮތެއް ނެތްކަން ނިމާއަށްވެސް އެނގެއެވެ. ތަށިތައް ނަގަން ކަބަޑު ހުޅުވާލިއެވެ. ހަމައެވަގުތު ބާރުގަދަ ދެއަތަކުން ނިމާ އުފުލާލިއެވެ. ސިއްސައިގެން ގޮސް އެއްޗެއް ބުނަން ބަލައިލިއިރު ޔަނާލްގެ ކޮނޑަށް ނިމާ އެއްލައިފިއެވެ. 

މުސްކާންއާއި މުރުޝިދާ 'ޓަޗް' ޖަހައިލިއެވެ.

"ކައިވެންޏަށް ތިންމަސް ފުރުނުއިރުވެސް މިކަމަށް ކުޑަވެސް ބަދަލެއް ނައި" މުރުޝިދާ ބުނެލީ އުފަލާއެކުއެވެ.

"ބައްޕަގެ މުޅިއުމުރު އެ ހޭދަކޮށްލީ ހަމައެކަނި މަންމައަށްޓަކައި.. މާތްﷲ މައްމައާއި ބައްޕަގެ ލޯތްބަށް ދިގު އުމުރެއް ލައްވާށި.. އާމީން"!

ނިމާ ކޮނޑަށް ލައިގެންގޮސް ކޮޓަރިއަށްވަދެ، ޔަނާލް ދޮރުލައްޕައިލި މަންޒަރު ފަނޑުވެގެން ދިޔައީ މުޅި ގެއަށް އުފާވެރިކަން ގެނެސްދެމުންނެވެ. 

=ނިމުނީ= 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް