ads
ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައިފި
ރ. ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވައްސަކީ 40.20 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފަސްހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ދުވާފަރަކީ އެއްއިރެއްގައި ފަޅު ރަށެއްގެ ގޮތުގައި އޮތް ރަށެއް ނަމަވެސް، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެ އަތޮޅު ކަނދޮޅޫދޫއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ހިޖުރަ ކުރަން ޖެހުނު ރަށެވެ. މިކަން މިހެން އޮތްކަމުގައި ވީ ނަމަވެސް ކަނދޮޅުދޫ ރައްޔިތުން މިއަދު ވަނީ ދުވާފަރު އާރަސްތުކޮށް އެ ރަށަކީ އަމިއްލަ ރަށުގެ ގޮތުގައި ބަލައިގެންފައެވެ. 

ދުވާފަރުގެ ރަށްވެހިން ކޮށް އުޅޭ މައިގަނޑު މަސައްކަތަށް ބަލާއިރު، ގިނަ ރައްޔިތުން މަސައްކަތްކުރަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ކަން ފާހަގަކުރެވެއެެވެ. އެގޮތުން ގިނަ އަދަދެއްގެ ޒުވާނުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާއިރު، ރަށުގައި ބޮޑުކަންނެއްޔާއި ކަނޑުމަހުގެ މަސްވެރިކަން ކުރާ ހަ އޮޑިފަހަރާއި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރާ ހަތަރު ދޯންޏެއްގެ އިތުރުން ފާނައިގެ މަސްވެރިކަން ކުރާ 12 ދޯންޏެއް އޮވެއެވެ.

your imageދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

ދުވާފަރުގައި ހެޔޮވަރުގެ އާބާދީއެއް އޮތުމާ އެކު، ރަށް އެއްކޮންހެން ވަނީ އާބަދުވެ ފުރިފައެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ހަވާލުކުރި 22 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ވަނީ 2022 ވަނަ އަހަރުގެ ތެރޭ ނިންމާފައި ކަމަށް އެ ކުންފުނިން ބުނެއެވެ. ދުވާފަރުގައި އިގުތިސޯދީ، އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގެ އެކި ކަހަލަ މަޝްރޫއުތަކުގައި ބޭނުން ކުރުމަށް ފުދޭވަރަކަށް ގިނަ ސައިކަލާއި ރަށު ޕިކަޕާއި ކާރު އަދި ލޮރީ ފަދަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވުމާ އެކު، ރަނގަޅު ފެންވަރުގެ މަގުތަކެއް ހެދިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރަށު ރައްޔިތުން ދެކެއެވެ.

ރަށުގެ ރައްޔިތުންނާއި ރަށަށް އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައްވެސް މީގެ ކުރިން އެންމެ ދަތިވާކަމަށް ފާހަގަ ކުރާ އެއް ކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމެވެ. ވިއްސާރަ ދުވަސްކޮޅެއް ނަމަ ފެން ރަނގަޅަށް ނުހިނދި އެތައް ދުވަހެއް ހުރެއެވެ. އަދި މަގުގައި އެތަކެއް އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރަށް އެތަކެއް ދަތިތަކާއި ގެއްލުމާވެސް މީގެކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން މަގުތަކުގައި ހިރަފުހުގެ އުނދަގޫވެސް އެހާމެ ބޮޑުކަމަށް ރައްޔިތުން ފާހަގަކުރެއެވެ. ނަމަވެސް މިހާރު މިވަނީ ރައްޔިތުންގެ މި ޝަކުވާތަކަށް ހައްލު ލިބި މަގު ފެންބޮޑުވުމުންނާއި ޗަކަވުމުންނާއި އަޑިގުޑަންވުމާއި ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ހައްލު ލިބިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ދުވާފަރުގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހަވާލުކުރި މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެ ކުންފުނިން 2021 ވަނަ އަހަރު ނިންމިއިރު، މި އަހަރުގެ މާޗު މަހު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހިވެސް ނިމިފައިވާ ކަމުގައެެވެ. މި މަޝްރޫއުގެ ދަށުން ދުވާފަރުގެ ހުރިހާ މަގެއްހެން ރަނގަޅު ފެންވަރަށް ތަރައްގީކޮށް ތާރުއަޅާ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނީ އެއްގަމު ދަތުރުފަތުރުކުރުމުގަ އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ދުވާފަރުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މިހާރު ލިބިގެންދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

your imageދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި 19,797.44 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 6,003.85 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް