ads
ޖުމްލަ 223 ރިސާޗަރުން ބައިވެރިވާ މި އަހަރުގެ ކޮންފަރެންސުގައި 52 ކަރުދާސް ހުށަހަޅާނެ ކަމަށް އައިޔޫއެމުން ވަނީ ބުނެފައި - ފޮޓޯ:އައިޔޫއެމް
އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް މިއަދު ފަށަނީ
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމު ކުރާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ މި އަހަރުގެ ކޮންފަރެންސް މިއަދު ފަށާނެއެވެ.

އައިޔޫއެމުން ބުނީ މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދާއި މާދަމާ އެ ޔުނިވާސިޓީގައި ކަމަށެވެ. މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް ކަމަށް އައިޔޫއެމުން ބުނެއެވެ. އެ ޔުނިވާސިޓީން ބުނެފައިވަނީ މި ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ދިރާސާ ކަރުދާސް ހުށަހެޅުއްވުމާއި ޕެނަލް ޑިސްކަޝަން ކަމަށެވެ.

އައިޔޫއެމުން ބުނި ގޮތުގައި ކޮންމެ ދުވަހެއްގެވެސް ފެށުމުގެ ރަސްމިއްޔާތުގައި ކީނޯޓު ތަގުރީރު އޮންނާނެ ކަމުގައެވެ. މި ފަހަރު ކީނޯޓު ދެއްވާ އެއް މައުލޫއަކީ މަތީ ތައުލީމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތައް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ. އައިޔޫއެމުން ބުނީ ކީނޯޓު ދެއްވާ އަނެއް މައުލޫއަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް އަދީބު ކަމަށްވާ ފަޟީލަތުއްޝައިހުލް އުސްތާޒް ހުސެއިން ސަލާހުއްދީނުގެ ލިޔުއްވުންތަކުގައި ހުރި ބަހަވީ އަދި އިޖުތިމާއީ ކުރިއެރުންތައް ކަމަށެވެ.

ޖުމްލަ 223 ރިސާޗަރުން ބައިވެރިވާ މި ކޮންފަރެންސުގައި 52 ކަރުދާސް ހުށަހަޅާނެ ކަމަށް އައިޔޫއެމުން ބުނެއެވެ. އެ ޔުނިވާސިޓީން ބުނެފައިވަނީ ކަރުދާސް ހުށަހަޅާ މައުލޫތަކުގެ ތެރޭގައި ހަލާލް ޓޫރިޒަމް، އިސްލާމިކް ފައިނޭންސް، އަންހެނުންގެ ސިއްހަތު، ނަފްސާނީ އިލްމު، އަދަބިއްޔާތު، މާލީ ނިޒާމު އަދި ޒުވާނުންގެ ދާއިރާ ހިމެނޭ ކަމަށެވެ. އައިޔޫއެމުން ބުނީ ޖުމްލަ ތިން ބަހަކުން ކަރުދާސްތައް ހުށަހަޅާނެ ކަމަށެވެ. އެއީ ދިވެހި، އަރަބި އަދި އިނގިރޭސި ބަސް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އައިޔޫއެމުން ބުނި ގޮތުގައި މި އަހަރުގެ ކޮންފަރެންސްގެ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕެންޝަން އޮފީސް، ސްޓެލްކޯ، އުރީދޫ، ދިރާގު، އައިއައިއައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން އަމާނާ ތަކާފުލް ކަމުގައެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމުން މި ކޮންފަރެންސް ބާއްވަން ފެށީ 2016 ގައި އެ ޔުނިވާސިޓީން ބުނެއެވެ. އައިޔޫއެމުން ބުނީ ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގައި ބޭއްވީ ހައިބްރިޑްކޮށް ކަމަށެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ ކުރިއެކޭ އެއްގޮތަށް ފިޒިކަލްކޮށް ބާއްވައިފައި ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް