ޗެސްބޭސްއަކީ މި ކުޅިވަރުގައި ކުރިއަރައި ދިއުމަށް ކުޅުންތެރިންނަށް އެންމެ މުހިންމު ޕްލެޓްފޯމްއެވެ. މި ސޮފްޓްވެއާ ބޭނުންކޮށްގެން ގޭމް ޕްލޭން ހެދުމުގެ އިތުރުން މޮޅެތި ކުޅުންތެރިން ކުޅެފައިވާ މެޗުތައް ބަލާ އެ ދިރާސާ ކުރެވޭނެއެވެ. އަދި ވަކި ކުޅުންތެރިއަކާ ބައްދަލުކުރާ މެޗެއްގެ ކުރިން އެ ކުޅުންތެރިއެއްގެ ކުޅުން ދިރާސާކޮށް އެ މެޗަށް ތައްޔާރުވުމަށްވެސް މި އެޕްލިކޭޝަން ބޭނުން ކުރެވޭނެއެވެ. ޗެސްބޭސްއަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ބޭނުން ކުރާ ވަރަށް މަގުބޫލް ސޮފްޓްވެއާއެކެވެ.
މީގެކުރިން ރާއްޖެއަށް ލިބިފައިވަނީ ޗެސްބޭސްގެ އިންޓަނޭޝަނަލް އެކްސެސްއެވެ. މިހާރު ރާއްޖެއަށް ވަނީ ޗެސްބޭސް އިންޑިއާގެ އެކްސެސް ލިބިފައެވެ. މި އާއެކު ޗެސްބޭސް އިންޓަނޭޝަނަލް ބޭނުން ކުރުމަށްވުރެ ތިންގުނަ އަގުހެޔޮކޮށް ރާއްޖޭގެ ކުޅުންތެރިންނަށް މިހާރު ޗެސްބޭސް ބޭނުން ކުރެވޭނެއެވެ.
މި އެކްސެސް ލިބުމާ އެކު ޗެސްބޭސްގެ އެހީ ހޯދުމަށް ކުޅުންތެރިން ކުރަން ޖެހޭ ހަރަދު ތިން ގުނަ ކުޑަވެގެންދާނެ ކަމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ރައީސް ހުސައިން ޝިޔާން ވިދާޅުވިއެވެ. ޝިޔާން ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ކުޅުންތެރިން ކުރިއަރައި ދުނިޔޭގެ ފެންވަރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް މަގުފަހިވާނެ ކަމުގައެވެ. މިއީ ޗެސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން ކުރި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާކަން ޝިޔާން ފާހަގަކުރެއްވިއެވެ.