ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރޭ 8:30 ގައި ޖައްސާފައިވާއިރު، ބޯޓަށް މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓަ ސެލިއުޓަކުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެއެވެ. އެމްއޭސީއެލުން ބުނީ ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި 57 ފަސިންޖަރުން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.
ބަޓިކް އެއާއިން ރާއްޖެ އާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މި ދަތުރުތައް ރާވާފައިވަނީ ރާއްޖޭން ސްރީލަންކާއަށް، އެއަށްފަހު މެލޭޝިއާއަށާ އަދި ސީދާ ދަތުރުތައް ރާއްޖެ އާއި މެލޭޝިއާ އާ ދެމެދުގައި ކަމުގައެވެ. ރާއްޖެ އާއި މެލޭޝިއާ އާ ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު ފަށާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
މީގެ ކުރިން މަލިންޑޯއެއާގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއާލައިން ބަޓިކް އެއާއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެއާލައިނުން ވަނީ ހާއްސަ ޕްރޮމޯޝަންތަކާ އެކު ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއާއިން ބޭނުން ކުރާނީ ބޮއިންގް 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ބަޓިކް އެއާއިން މެލޭޝިއާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އެގޮތުން މި މަންޒިލްތަކުން ރާއްޖެއަށް ފަސޭހަކަމާ އެކު ދަތުރުވެރިންނަށް އައުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެއް ކަމަށެވެ.
ބަޓިކް އެއާގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވާޖިން އެޓްލާންޓިކް މި އަހަރުގެ ތެރޭގައި ވީއައިއޭއަށް ދަތުރުތައް ފަށާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.