މި ހަތަރު ލައްކަ މީހުންނަކީ ބަނގުލަދޭޝް އަދި މިއަންމާގައި ތިރި ސަރަހައްދުތަކުގައި އަދި ގޮނޑު ދޮށާއި ކައިރީގައި ދިރިއުޅޭ މީހުންނެވެ.
އިންޑިއާ ކައިރިން ބޭ އޮފް ބެންގަލް ގައި އުފެދުނު ތޫފާނު މިއަދު ހޮނިހިރު ދުވަހު ބަނގުލަދޭޝް އަދި މިއަންމާގެ އައްސޭރި ފަށަށް އަރާފައެވެ. އަދި މިހާރު ތޫފާނު ދަނީ ދެ ގައުމުގެ އެތެރެއަށް މަޑުމަޑުން ޖެހެމުންނެވެ.
ރޮއިޓާޒްގައި ރިޕޯޓުކޮށްފައިވާގޮތުން، މޯކާ ނަމަކަށް ކިޔާ މި ތޫފާން މިޔަންމާއަށް އަރާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. އެއީ ގަޑިއަކު 210 ކިލޯމީޓަރު (ގަޑިއަކު 130 މޭލު) އާއި ހަމައަށް ވައިގަދަވެފައިވެއެވެ.
މިޔަންމާގައި ކަމާބެހޭ ފަރާތްތަކުން ވަނީ ރާޚައިން ސްޓޭޓްގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ދެލައްކައަށް ވުރެ ގިނަ މީހުން ނެރެފައެވެ. ބަންގްލަދޭޝްގައި އެއް މިލިއަނަށް ވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޮކްސް ބާޒާރު ޑިސްޓްރިކްޓްގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
މި ތޫފާނުގެ ސަބަބުން ދެގައުމަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވެއެވެ. އަދި ކަރަންޓް ކެނޑުމާއި އިމާރާތްތަކަށް ގެއްލުން ލިބިދާނެ ކަމަށް ވެސް ބެލެވެއެވެ.
ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ރައްކާތެރިކަމާއެކު ތިބުމަށާއި ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލުންގެ އިރުޝާދުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކުރަމުންނެވެ.
ތޫފާން މޮކާ އަކީ ފާއިތުވި އަހަރުތަކުގައި މި ސަރަހައްދަށް އައި އެންމެ ބާރުގަދަ ތޫފާނެވެ. މި ތޫފާނުގެ ނުސީދާ އަސަރު ވެސް އަންނަނީ ރާއްޖެއަށް ކުރަމުންނެވެ.
މިހާތަނަށް މި ތޫފާނުގައި މަރުވިކަމަށް ރިޕޯޓުކޮށްފައިވަނީ ތިން މީހުންނެވެ. މިއަދު މިއަންމާގައި ވަނީ މުއާސަލާތީ ހިދުމަތްދޭ ބޮޑު އެންޓަނާއެއް ވެސް ވެއްޓިފައެވެ.