ads
މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމް އެމްޑީޕީން ވަކިކުރަން ނިންމީ މިއަދު އޮތް އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުމުގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމްޑީޕީން ރަސްމީ ޖަވާބެއް ނުލިބެއެވެ.

އަދި އާޒިމް ފޯނު ނުނަންގަވާތީ މި ހަބަރާ ގުޅޭގޮތުން އާޒިމްގެ ބަހެއްވެސް ނުލިބެއެވެ.

އާޒިމް ޕާޓީން ވަކިކުރަން ނިންމިއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް ފިޔަވަޅު އަޅާދިނުމަށް އެދި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން، ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ފޮނުއްވީ މިއަދު އެވެ. އެ ލިސްޓްގެ އެންމެކުރީގައި އޮތީ އާޒިމްގެ ނަމެވެ.

އާޒިމްގެ ނަން ފިޔަވަޅުއަޅާ ކޮމެޓީއަށް ފޮނުވުމުން އާޒިމް މިއަދު ވިދާޅުވެފައިވަނީ ފިޔަވަޅު އަޅަން ޕާޓީން ހިތައް އެރުމަކީވެސް ކުށެއް ކަމަށެވެ.

"ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖްލިސް މެންބަރުންގެ މަސްއޫލިއްޔަތު، އަދާކުރުން ހުއްޓުވުމުގެގޮތުން ޕާޓީން އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅަން ހިތައް އެރުމަކީވެސް ކުށެއް. ޕާޓީގެ ރައީސް ވިދާޅުވަނީ ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ ޕާޓީގެސިޔާސަތުގައި އިހްތިޖާޖުކުރަންޖެހޭ ކަމެއް ކަމަށް" - އާޒިމް

އެމްޑީޕީގެ ޕީޖީ ގުރޫޕުން ފިޔަވަޅު އަޅާދިނުމަށް އެދި އެޕާޓީގެ ފިޔަވަޅުއަޅަ ކޮމެޓީއަށް ފޮނުވީ:

  • އަލީ އާޒިމް (މެދު ހެންވޭރު ދާއިރާ)
  • އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު ދާއިރާ)
  • ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ)
  • އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)
  • ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށި އުތުރު)

އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުގައި ޕާޓީގެ ވިޕްލައިނާ ހިލާފުވެ ސަރުކާރާ ދެކޮޅަށް މަޖިލިސް ތެރެއިން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް މިހާތަނަށް އެއްވެސް މެމްބަރަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ނަމަވެސް ޗާގޯސް މައްސަލާގައި ބައެއް ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް އެއްބާރުލުންދޭ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެކަމަށް އެޕާޓީގެ ޕީޖީ ގުރޫޕުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މެމްބަރުން އެމްޑީޕީއާ ދެކޮޅަށް އެހެން ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވުމުން އެމްޑީޕީން އެ މެމްބަރަކު ވަކިވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ސީއެންއެމްއަށް އިއްޔެ ވިދާޅުވިއެވެ.

45%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް