ads
ފުލުހުންގެ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްވާތަކެތި. -- ފޮޓޯ: ފުލުހުން
ޕީޖީއަށް އެންމެ ގިނައިން ފޮނުވީ މަސްތުވާތަކެތީގެ މައްސަލަތައް
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދައުވާ ކުރުމަށް އެންމެ ގިނައިން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފިސް (ޕީޖީ) އަށް ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައްކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ހާމަ ވެއްޖެ އެވެ.

ފުލުހުން ނެރުނު، އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތަކަށް ބަލާއިރު 69 މައްސަލައާއި އެކު ދައުވާ ކުރަން އެންމެ ގިނައިން ޕީޖީއަށް ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެތީގެ 1،154 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު 331 މީހުން ހައްޔަރުކޮށް 16 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. 

ދެވަނައަށް އެންމެ ގިނައިން ޕީޖީއަށް ފޮނުވާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 24 މައްސަލައެކެވެ. މީގެ އިތުރުން ފޭރުމުގެ އެއް މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ. ފުރަތަމަ ތިން މަހު ފޭރުމާއި ވައްކަމުގެ 2،079 މައްސަލަ ހުށަހަޅާފައިވާއިރު 153 ހައްޔަރު ކޮށްފައިވެސްވެ އެވެ. 

ގެވެށި އަނިޔާގެ 146 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ހައްޔަރުކޮށްފައިވަނީ އެންމެ ދެ މީހުންނެވެ. އަދި ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެއްވެސް ނެތެވެ. 

އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރޭޕްގެ އެއްވެސް މައްސަލައެއް ފުލުހުން ބަލާފައި ނުވާ އިރު ކުޑަ ކުދިންނާ ބެހުމުގެ 36 މައްސަލައެއް ބަލާފައިވެ އެވެ. އަދި ޖިންސީ ފުރައްސާރައިގެ 6 މައްސަލައެއްވެސް ވަނީ ބަލާފަ އެވެ. 

ޓްރެފިކްގެ 1096 މައްސަލައެއް ހުށަހެޅުނު އިރު ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ޓްރެފިކްގެ އެއްވެސް މައްސަލައަކަށްވެސް ދައުވާކޮށްފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް