މިފްކޯއިން ބުނީ އެ ކުންފުނިން އެންމެ ފަހުން ގެނައި މަސްކިރާ ބޯޓް 'ޖަޒީރާ 103' ގެ އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެ ބޯޓަކީ ދުވާލެއްގެ މައްޗަށް 120 މެޓްރިކް ޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީ ހުރި ދެފަރާތުން މަސްކިރޭ ގޮތަށް ދެ ކެރޭން ހަރުކޮށްފައިވާ ބޯޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މިފްކޯއިން ބުނީ އެ ބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ކަމަށެވެ.
'ޖަޒީރާ 103' ރާއްޖެ ގެނައީ ޖަޕާނުގައި މަސްވެރިކަމުގައި ބޭނުން ކުރަމުން ދަނިކޮށް މިދިޔަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ބުނީ މި ބޯޓް ރާއްޖެ ގެނެސްފައިވަނީ މަސް ގަތުމަށް ފަސޭހަވާނެ ގޮތަށް ބޯޓުގައި ކުރަން ޖެހޭ ކަންކަން ސީނިއާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ކޮރެއާގެ ޑޮކް ޔާޑެއްގައި ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އޮޕަރޭޝަނަށް ފަސޭހަވާނެ ކަންކަން ހިމަނައިގެން ބޯޓަށް ގެންނަން ޖެހޭ ބަދަލު ގެނެސްފައިވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ މަސްގަތުމުގެ އޮޕަރޭޝަނުގައި 14 އުޅަނދެއް މިހާރުވެސް ހަރަކާތްތެރި ވަމުން ދާ ކަމަށާއި މަސްކިރާ ބޯޓުފަހަރަށް ދިމާވާ އެކިއެކި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އެ ކުންފުނީގައި ގާއިމުކުރެވިފައިވާ ކަމުގައެވެ. އެފަދަ ކަންކަމާ ގުޅިގެން ވަގުތީގޮތުން އޮޕަރޭޝަނަށް ދަތިކަމެއް އައި ކަމުގައި ވީނަމަވެސް ކުންފުނީގެ މަސްގަތުމުގެ އޮޕަރޭޝަނަށް ބުރުލެއް ނާރާ ކުރިއަށް ގެންދެވެނީ ކުންފުނީގެ އިންޖިނިއަރުންގެ ޓީމުގެ ގާބިލުކަމުން ކަމަށް މިފްކޯއިން ފާހަގަކުރެއެވެ. މިފްކޯއިން ބުނީ އެގޮތުން 'ޖަޒީރާ 103' ދިމާވި މައްސަލައަށްވެސް ހައްލު ގެނައުމަށްފަހު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެވިފައި ކަމަށެވެ.
މިފްކޯއިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް އެ ކުންފުނީގެ މަސްގަތުމުގެ އޮޕަރޭޝަނަށް މަސްވެރިންނާއި އާންމުންގެ އިތުބާރު ދެމެހެެއްޓުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމުގައެވެ.