ޗެލްސީގެ މައްޗަށް ސިޓީން މިރޭ އަމިއްލަ ދަނޑުގައި ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ޖެހީ އާޖެންޓީނާގެ ފޯވާޑް އަލްވާރޭޒްއެވެ.
މި މެޗަށް ނުކުތް އިރުވެސް ޗެމްޕިއަންކަން ހޯދާފައިވާ ސިޓީގެ ސަޕޯޓަރުންވަނީ މެޗުގެ ފަހު ކަށިގަނޑާއެކު ދަނޑަށް އަރާ އުފާފާޅުރަން ފަށާފައެވެ.
ވިދިވިދިގެން ތިންވަނަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރި ސިޓީ، ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށް ކޯޗު ގާޑިއޯލާ ނެރުނީ މުޅިން ބަދަލުކޮށްލާފައިވާ ޓީމެކެވެ.
ޗެމްޕިއަންސް ލީގު ފައިނަލާ އެފްއޭކަޕް ފައިނަލް ކުރިއަށް އޮތް އިރު، ޗެލްސީއާ ދެކޮޅަށް ހާލަންޑާއި ކެވިން ޑެ ބުރޫނޭއަށް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ. ބާނާޑޯ ސިލްވާއާ ގުންޑޮގާން އަދި ގްރީލިޝްއާ ކީޕަރު އެޑާސަން ނުވެސް އަރުވައެވެ.