ރައީސް ސޯލިހު މިހެން ވިދާޅުވީ މެލޭޝިޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދެބޭފުޅުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މެލޭޝިޔާއިން ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމަށް ރާއްޖެއިން މަރުހަބާ ކިޔަން ތައްޔާރަށް އޮތް ކަމަށާއި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ދަތުރުތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު ސޮއި ކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސްގެ ވާހަކަ ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ދެ ގައުމުން ސޮއި ކޮށްފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ބަލައިގަތުމުގެ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ކިޔަވާ ދަރިވަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ރާއްޖޭގެ އިދާރީ ހިންގުމުގައި ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން މިއަހަރަކީ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރިތާ 55 އަހަރު ފުރޭ އަހަރުކަން ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެެރިކަން މުސްތަގުބަލުގައިވެސް އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.