ads
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން. -- ފޮޓޯ: މަޖިލިސް
ކޮޅިގަނޑެއްގަ ޖެހިއްޖެ ނަމަ ސަރުކާރު ކަނޑުވާނެ: އަލީ ހުސައިން
ސަރުކާރުގެ ފަހު ހުޅަނގު ކުރިމަތިވަނީ ކަމަށާއި މި ހުޅަނގުގައި ކޮޅިގަނޑެއްގައި ޖެހިއްޖެނަމަ ސަރުކާރު ކަނޑުވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
Advertisement

އަލީ ހުސައިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތީ އެކަން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމުގެ މަރުހަލާގަ އެވެ. 

މި ބަހުސްގެ މަރުހަލާގައި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރުގެ ވާހަކަފުޅަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ޖޫންޖުލައި ވިއްސާރަ" އަންނަން އުޅޭކަން އަންގައިދިނުމަށް ނައިފަރު ދޮހޮއްކޮގެ "ދިޔަވަތް ރަނގަޅު އޮޑި" މި ލަވައިގެ ބައިތެއް ވިދާޅުވެފަ އެވެ. 

ރައީސް ނަޝީދު މި ބައިތާއެކު ނުސީދާކޮށް އިޝާރާތް ކުރައްވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ކުރިއޮތްތާ ހަލަބޮލިވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ޅެންބައިތައް ފަހު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ޖޫންޖުލައިގެ ފެށެނީ ކަމަށާއި މިއީ ސަރުކާރަށް އޮތް އެންމެ ފަހު ހުޅަނގު ކަމަށެވެ. 

އަލީ ހުސައިން ވިދާޅުވީ މި ހުޅަނގު މަޑެއް ނުވާނެ ކަމަށާއި ފުދޭވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި މި ހުޅަނގުގެ ވައިގައި ސަރުކާރަށް އެއްވެސް ވަރަކަށް ހިފަހައްޓާ ނުލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. 

"ބޮޑު ރިޔަލުގަ ނުހިފޭއްޓޭތާ މެދު ރިޔަލުގަވެސް ނުހިފެއްޓޭނެ. ކުޑަ ރިޔަލުގަ ކިރިޔަ ކިރިޔާ ހިފަހައްޓާލެވޭނީ. ކޮޅިގަނޑެއް އައިއްސިއްޔާ ކުޑަ ރިޔާ ދޫކޮށްލާފަ ކަނޑު މެދަށް ދޯނި ދޫކޮށްލައިގެން ތިބެން ޖެހޭނީ،" - އަލީ ހުސައިން

ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވާނެ ކަމުގެ އިޝާރާތްތައް ސިޔާސީ ފަރާތްތަކުން ދެމުންގެންދާއިރު ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވި 12 މެންބަރަކު އެމްޑީޕީން ވަކިވެ މިހާރު މިވަނީ އަމިއްލަ ޕާޓީއެއް އުފައްދާ ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވަމުންނެވެ. 

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން މިވަނީ ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގެ އިތުރުން އެމްއާރްއެމްއާއި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގެ މެންބަރުންނާއިއެކު ކަނޑު ވިއްކުމާ ދެކޮޅު ހަރަކާތްތަކެއްވެސް ހިންގަމުންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް