ads
ދާލު އެއާޕޯޓު: ކްރޮސް ސަބްސިޑީ އުސޫލުން ތިން އެއާޕޯޓެއް ތަރައްގީ ކުރުމަށް ވަނީ ހުޅުވާލާފައި - ފޮޓޯ:ދާލު އެއާޕޯޓު
ކްރޮސް ސަބްސިޑީ އުސޫލުން ތިން އެއާޕޯޓެއް ތަރައްގީކުރުމަށް ހުޅުވާލައިފި
މަޝްރޫއުތައް ހިންގުމަށް ނުވަތަ ކްރޮސް ސަބްސިޑީގެ އުސޫލުން ފައިސާ ދިނުމުން ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް މިހާރުވެސް ބޭނުން ކުރަމުން އަންނަ ތިން އެއާޕޯޓެއް ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ކްރޮސް ސަބްސިޑީގެ އުސޫލުން އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިނޭންސް ކުރުމަށް ހުޅުވާލާފައިވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ޅ. މަޑިވަރު އެއާޕޯޓުގެ އިތުރުން ދ. ކުޑަހުވަދޫގައި އަޅާފައިވާ ދާލު އެއާޕޯޓެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ.

މަޝްރޫއަށް ހޭދަވާނެކަމަށް އަންދާޒާކުރާ އަދަދު:

  • މާފަރު އިންޓަނޭޝަނަލް އެއާޕޯޓު - 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ)
  • މަޑިވަރު އެއާޕޯޓު - 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
  • ދާލު އެއާޕޯޓު - 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)

މި ތިން އެއާޕޯޓު ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނީ، ފަސް މިލިއަން ޑޮލަރު ކަމަށް އެ އިއުލާނުގައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެ ކަމުގައެވެ.

މި މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް