
ސާހިލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑު އެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. އެ ދުވަހު އޮތް ޝަރީއަތުގައި ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން ސާހިލް އަށްވަނީ ފުރުސަތު ދީފައެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހޭނެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭގެ ގެއެއްގެ ތެރޭގައި، ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ސާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް ކުރެ އެވެ. އެކަމަކު ބާކީ އޮތް ދެ ދައުވާގެ މައުލޫމާތު ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ.
އަނިޔާވެރިގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ އަލީ ސާހިލްގެ މައްޗަށް އެކަށީގެންވާ ހެކި ހުރިނަމަ ވީ އެންމެ އަވަހަކަށް މަރުގެ ހުކުމް ތަމްފީޒްކޮށްދިނުމަށް ސާހިލްގެ މައިންބަފައިން ސަރުކާރަށްވަނީ ގޮވާލާފައެވެ.