
ޔުނައިޓެޑުގެ ޒުވާން ޓީމުގައި ހިމެނުނު ޕާކިސްތާނު ދަރިކޮޅުގެ އިގިރޭސި ކުޅުންތެރިޔާ އޯޓިސް ހާން، ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ އެ މުބާރާތަށް ތައްޔާރުވާން ޕާކިސްތާނުން ކުޅޭ ފޯ ނޭޝަންސް ކަޕެވެ.
ސްކައި ސްޕޯޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޯޓިސް ހާން ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅެން އިންޓަނޭޝަނަލް ކްލިއަރެންސް މިހާރުވަނީ ލިބިފައެވެ.
މެންޗެސްޓަ ޔުނައިޓެޑުގެ ޒުވާން ޓީމުގައި 2012 ވަނަ އަހަރު ހިމެނުނު ކަމަށްވާ މި ކުޅުންތެރިޔާ މިހާރު ކުޅެނީ އިގިރޭސި ހަތަރުވަނަ ޑިވިޝަނުގައެވެ.
އަންނަ މަހު އިންޑިޔާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ޕާކިސްތާނު ޓީމަށް ކުޅެން، އިގިރޭސި ޒުވާން ގައުމީ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައިވާ އީސާ ސުލައިމާންވެސްވަނީ ނިންމާފައެވެ.
ޕާކިސްތާނުގެ ގައުމީ ޓީމަށް މީގެ ކުރިންވެސް ޕާކިސްތާނު ދަރިކޮޅުގެ އެހެންނަމަވެސް ޔޫރަޕުގައި ކުޅެފައިވާ ކުޅުންތެރިންވަނީ ކުޅެފައެވެ.
އަންނަ މަހު އޮންނަ ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނު ހިމެނިފައިވަނީ މުބާރާތް ހޯސްޓްކުރާ އިންޑިޔާއާ، ކުވައިތު އަދި ނޭޕާލާ އެކު ގްރޫޕު އޭގައެވެ. ޕާކިސްތާނުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވާދަކުރާނީ އިންޑީޔާއާއެވެ.