ads
ނައިބު ރައީސް ފައިސަލް ނަސީމް: ވިދާޅުވީ ފާއިތުވި 28 އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދާފައި ކަމުގައި - ފޮޓޯ:ރައީސް އޮފީސް
ފާއިތުވި 28 އަހަރު އެމްޑަބްލިއުއެސްސީން ވަނީ ގިނަ ކުރިއެރުންތައް ހޯދާފައި: ނައިބު ރައީސް
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހެންވޭރު ދަނޑުގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފެނަކީ އަސާސީ އެއްޗަކަށް ވާއިރު، އެމްޑަބްލިއުއެސްސީން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުހިންމު އަސާސީ ހިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެކުންފުނިން މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިންމު ވައުދެއްކަން ފާހަގަކުރައްވައި، އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށް ހިދުމަތް ދިނުމުގައި އެމްޑަބްލިއުއެސްސީގެ ހީވާގި މުވައްޒަފުން ކުރައްވާ މަސައްކަތަށް އެމަނިކުފާނު ތައުރީފް ކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީން މުވައްޒަފުންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި މުހިންމު ދާއިރާތަކުން އެވޯޑްތައް ދެއްވަމުންގެންދަވާތީ އެކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް ދޭ ޔަގީންކަމަކީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވުން ކަމަށެވެ.

މި ހަފުލާގައި ވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް އެވޯޑްތައް ދެއްވާފައެވެ. އެކުންފުނިން ދޭ ޔުނީކް ޕާފޯމަންސް އެވޯޑާއި ޗެއާމަންސް އެވޯޑް ފޮ އެކްސެލެންސް ހާސިލް ކުރެއްވި މުވައްޒަފުންނަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމެވެ. މިހަފުލާގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ވަނީ ނައިބު ރައީސަށް ހާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. 

އެމްޑަބްލިއުއެސްސީ އުފައްދަވާފައި ވަނީ، 1995 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުގައެވެ. އެކުންފުނީގައި މިހާރު 1،247 މުވައްޒަފުން މަސައްކަތްކުރާއިރު، މިދައުރުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި 68 މަޝްރޫއެއް ހިންގުމާ އެކުންފުނިން ހަވާލުވެފައިވެއެވެ. އޭގެތެރެއިން 28 މަޝްރޫއެއް މުޅިން ނިންމައި 40 މަޝްރޫއެއްގެ މަސައްކަތްތައް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް