އުރީދޫން ބުނީ ބްރިޖް ވިއުވިންގް ޕްލެޓްފޯމްގައި ބޭއްވުނު ހާއްސަ ހަފުލާއެއްގައި ސައިކަލް ހަވާލުކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ހާލިދް އަލް ހަމާދީ ކަމަށެވެ. ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކުން ފެށުނު މި ހަފުލާގައި އިނާމު ހަވާލުކުރުމުގެ އިތުރުން ހަދިޔާ ފޮށީގެ ތީމާއި އެއްގޮތަށް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުސަތު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ލިބިގެން ދިޔަ ކަމަށް އެ ކުންފުނިން ބުނެއެވެ.
"މި ނިމިދިޔަ ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ހަދިޔާއެއް ދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް. ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބިވަޑައިގެންނެވި ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. މި ދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އުންމީދު ކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތަކާ އެކު ކަސްޓަމަރުންނަށް ފައިދާ ހުރި އެތައް ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
'ހަދިޔާ ފޮށި' ގޭމަކީ އުރީދޫ އެޕް މެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރޯދަ މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހު ކޮންމެ ދުވަހަކުވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.
މި ޕްރޮމޯޝަނުގައި އެއް ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިފޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި ދުވާލަކު އެއްފަހަރު ކުޅެވޭ މި ހަދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކުވެސް ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެވެސް ހަދިޔާ އެއް ލިބޭއިރު، އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން 75 އިންސައްތައަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި މުޅި ރޯދަ މަހުގެ ތެރޭގައި ބައިވެރިވެފައި ކަމުގައެވެ.
ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކަށް އިނާމުތައް ރޯދަ މަހުގެ ތެރޭގައި ހަވާލުކުރެވެމުން ދިޔައިރު، އީދަށް ފަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފުލާއެއްގައި ހަވާލުނުވެ ހުރި ހަދިޔާތައް ކަސްޓަމަރުންނާ ހަވާލު ކުރެވިފައިވާ ކަމަށް އުރީދޫން ބުނެއެވެ.
ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް މެދުނުކެނޑި ތައާރަފުކޮށް، ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އުރީދޫން ދެއެވެ.