
ކަރަންޓް ނެތް ޒަމާންކަމުން ރޭގަނޑު ރަށުތެރެ އޮންނަނީ ވަރަށް އަނދިރިކޮށެވެ. އަދި އޭރު ހަވީރު ފަސްގަނޑި ބައިވުމުން ބައްތި ތައް ސާފުކޮށް އަވަހަށް އިރު އޮއްސުމުގެ ކުރިން ގޭގެ އަށް މީހުން ވަދެހަދާ ކަމަށްވެއެވެ. މިއީ ކޮންމެ ދުވަހެއްގަވެސް ކަންތައް އޮންނަ ގޮތެވެ. އަދި މީހެއްގެ މަރުގެ ހަބަރު ލިބިއްޖެނަމަ އަވަހަށް ގެ އަށްވަދެ ފާރުގައި ހުންނަ ބާގަނޑުތަކުގައި ފޮތިލާ ލޯވަޅުތައްވެސް ބަންދުކޮށް އޭރު ހަދާކަމަށްވެސް އެމީހާ ކިޔައިދިނެވެ.
އަދި މި އާދަކާދަޔާ އެއްގޮތަށް ގޭގޭގެ އޮޅިގަނޑު ތައްވެސް ހުންނަނީ އުސްކޮށްފައެވެ. އޭރު މީހުން ގަބޫލު ކުރާ ގޮތުން މަރުވެފައި އޮންނަ ގަބުރު ތެދުވެގެން އަންނަން ދިމާކޮށްފިއްޔާ ގެއަށް ނުވަދެވޭނީ، އެގޮތަށް އުސްކޮށްފައި ހުރުމުން ކަމަށްވެސް ގަބޫލު ކުރެވިފައިވާތިއެވެ. އަދި އޭރު މިހަކު މަރުވެއްޖެ ނަމަ އަލިކަމެއް ނުހުންނާތީ ރޭގަނޑު މައްޔިތާ ވަޅު ލެވުމެއްވެސް ނޯވެއެވެ. އިރު އަރަންދެން މައްޔިތާ އޮންނަނީ ބާއްވާފައެވެ.
މިހެން އުޅެނިކޮށް ދެކުނަށް ނިސްބަތްވާ މި ރަށުން އުމުރުން ދުވަސްވީ މީހެއް މަރުވި ކަމަށްވެސް އެމިހާ ބުނެޏެވެ. އެ މީހާ މަރުވީ އިރު އޮއްސުނުވަގުތާ ކައިރިވެފައިވަނިކޮށް ކަމުން ވަޅު ނުލެވި މައްޔިތާ މަތީގައި ބޭއްވި އެވެ. އެގޮތަށް މައްޔިތަކު ބާއްވާއިފި ކަމުގައިވާނަމަ ޖެހޭނީ ގުރުއާން ކިޔަވަން މީހަކު ވެސް ބައިންދާށެވެ. އަދި ރަށުގެ ކަމުވޮށިގެންވާ ދެ ތިން މީހަކު ވާނުވާ ބަލަން ހޭލާވެސް ތިބޭން ޖެހޭކަމަށް ވެއެވެ.
އެގޮތުގެ މަތިން މި މީހާ މަރުވުމުންވެސް ހައްއެކަ މީހުންވެސް ހޭލާ ތިއްބެވެ. އަދި ގުރުއާން ކިޔަވާ މީހާ ގުރުއާން ކިޔަން ބައިންދާފައި މި މީހުން ރަށުތެރެ އަށް ނުކުތެވެ. އެއީ ރަށުތެރެ އަމާންކުރުމަށެވެ. ގެއިން ނުކުންނަމުން ކަމެއް ގޯހަށްދާނަމަ ގުރުއާނުގެ އަޑު ބާރު ކޮށްލުމަށްވެސް ބުނެފަ މިމީހުން ނުކުތެވެ.
ޤުރުއާން ކިޔަވަންމީހާ ކިޔަވަމުން ގޮސް ވަރުބަލިވެ ކުޑަކޮށް މަޑު ޖައްސާލިއެވެ. އަދި ވަރުބަލިވެ ކަނދުރާ އަށް ތަދުވެފައިހުރުން ކުޑަކޮށް ނިދިޖެހުނެވެ. ކުއްލިއަކަށް ހޭލެވުނީ އަތަށް ފިނިވެގެންނެވެ. އަތްމަތީގަ މައްޔިތާގެ އަށް އޮތެވެ. އޭރު މައްޔިތާގެ އެއްލޯ އޮތީ ހުޅުވިފައެވެ. ހަށަމަށް އަރުވާފައި އޮތް އެއް އަތް އޮތީ އެދުމަތިން ވެއްޓި އެދުންބޭރުގައެވެ. އަވަސް އަހަހަށް ޤުރުއާނުގެ އަޑު ބާރު ކުރި ކަމަށާއި، ބޭރަށް ދިޔަ މީހުން އެ އަޑަށް ގެއަށް އައިސް ވަން ކަމަށްވެސް އެމީހާބުންޏެވެ.
އޭރު ފަތިސްވާން ހުރީ ކައިރިވެފައި ކަމުން އެމިހުން ކިޔެވިއްޔެއް ކިޔަވައިގެން ހުޅުވިފައި އޮތް ލޯ ލައްޕާލުމަށްލުމަށްފަހު އަތް ހަށަމަށް އަރުވާ ރަނގަޅު ކޮށްލިއެވެ. ނަމަވެސް މައްޔިތާގެ އޮތީ އެނދު މައްޗަށް ކައިވަތެއްހާ ތަން އުފުއްލިފަ ކަމަށްވެސް އެމީހާ ކިޔައިދިނެވެ.