
ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް، ރެޑް ހޭންޑްކޮށް އަތުލައިގަތީ މެއި މަހުގެ 17 ވަނަ ދުވަހުގެ ރޭއެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރޭ ހައްޔަރުކުރީ 13 ބިދޭސީންނެވެ.
ފުލުހުން ބުނީ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކުރިއިރު އޭގެތެރޭގައި ބަންގްލަދޭޝް އަށް ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް ހަތަރު އަންހެނުން ހިމެނޭ ކަމަށެވެ.
މި ނެޓްވޯކްގެ އިސް މީހެއްގެ ގޮތުގައި ބެލެވެނީ ބަންގްލަދޭޝް މީހެކެވެ. މިއަދު 15 ދުވަހުގެ މުއްދަތު ޖެހީ އެ މީހާގެއެވެ. އެއީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާއަކީ ރާއްޖޭން ބޭރުން މީހުން ގެނެސްގެން ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ މަސައްކަތް ރާއްޖޭގައި ކުރާ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
ހަށިވިއްކާކަމަށް ތުހުމަތު ކުރެވޭ ބޮޑު ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކުރި އިރު، މާލޭގައި ފާޅުގައި ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި، ހަށިވިއްކުން އިސްތިހާރުކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ.