މަގޫދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އެ ރަށުގައި އެއާޕޯޓު އެޅުމަށް ކުރިން ކުރި ޕްލޭނަށް ބަދަލު ގެނެސް ރަންވޭ ދިގު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެ ބަދަލު ގެނައުމުގެ ބޭނުމަކީ އެ ރަށުގެ ކައިރީގައި ހުރި މަތީ ފެންވަރުގެ ރިސޯޓުތަކަށް އަންނަ ޕްރައިވެޓް ޖެޓުތައް ޖެއްސޭ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕްރައިވެޓް ޖެޓުތަކުގައި އަންނަ ފަޅުވެރިންނަށް މަގޫދޫގައި މަޑުކުރެވޭނެ ގޮތަށް އެއާޕޯޓާ އެކު ކުޑަ ހޮޓަލެއް ގާއިމުކުރާނެ ކަމަށެވެ.
އެ އެއާޕޯޓަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ތަފުސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ މި ފެށޭ އަހަރު ޖެޓު ބަނދަރު ކުރެވޭނެ ޕާކިންއަކާއި ވީއައިޕީ ޓާމިނަލެއް ގާއިމުކުރާނެ ކަމަށާއި އިތުރު ތަނަކަށް ތެޔޮ އަޅަން ނުގޮސް ވާނެ ގޮތަށް ފިއުލް ފާމްއެއް އެ އެއާޕޯޓަށް ގެންނާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ރަށުގެ އެއާޕޯޓު ތަރައްގީ ކުރެވުމާ އެކު، އެ އެއާޕޯޓު ވެގެން ދާނީ މުޅި ރާއްޖޭގައިވެސް އޮތް އެންމެ މަތީ ފެންވަރުގެ ރީޖަނަލް އެއާޕޯޓަށް ކަމުގައެވެ.
ކުރީ ސަރުކާރުން ނިލަންދޫގައި އެއާޕޯޓު އެޅުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، މި ސަރުކާރުން މަގޫދޫގައި އެއާޕޯޓު އެޅުމަށް ނިންމި ނިންމުން ދިފާއު ކުރައްވާ ރައީސް ވިދާޅުވެފައިވަނީ އެ ރަށަކީ ފ. އަތޮޅުގައި އެއާޕޯޓު އަޅަން އެންމެ ރަނގަޅު ރަށް ކަމަށެވެ. މަގޫދޫގައި އެއާޕޯޓު އެޅުމުން އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ފައިދާވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަގޫދޫ އެއާޕޯޓު މަޝްރޫއަކީ އެ އަތޮޅުގައި މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ދަށުން 1،500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް އަޅައި، ޓާމިނަލް އިމާރާތަކާއި ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަނެއް ހެދުމަށް އޭރު ވަނީ ނިންމާފައެވެ.