ads
މަތީ ސާނަވީ އަރުތަވެރީންގެ އިނާމު 2022-2021 ގެ ޓައިޓަލް ޕާޓްނަރަކަށްވުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއެކު ދިރާގުން ސޮއިކުރުން - ފޮޓޯ:ދިރާގު
މަތީ ސާނަވީ އަރުތަވެރީންގެ އިނާމު 2022-2021 ޓައިޓަލް ޕާޓްނަރަކަށް ދިރާގު
މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022 ގެ ޓައިޓަލް ޕާޓްނަރަކަށްވުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއެކު ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސޮއިކޮށްފިއެވެ.

ދިރާގުން ބުނީ މިއީ 2021 އަދި 2022 ވަނަ އަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިހާނުތައް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއް ހާސިލްކޮށްފައިވާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ގައުމީ އިނާމު ދިނުމުގެ ހަފުލާ ކަމަށެވެ.

އެގޮތުން އޭލެވެލް އިމްތިހާނުގައި ގަދަ 10 ރޭންކިން ހާސިލުކުރި ދަރިވަރުންގެ އިތުރުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މަތީ ދަރަޖަ ހޯދާފައިވާ ދަރިވަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އެވޯޑް ލިބޭ ދަރިވަރުންނަށް މި ހަފުލާގައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

"ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސީ ދާއިރާ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022 ގެ ޕާޓްނަރަކަށްވެ، މިއަދުގެ ޒުވާނުންގެ ކާމިޔާބީތައް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވިއެވެ. 

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރު، ނައުޝާދު އިބްރާހިމް ވިދާޅުވެފައިވަނީ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމައުގައި ޒުވާނުން ކުރިއެރުވުމަށް ދިރާގުން ދެއްވާ އެއްބާރުލުމާއި ހަރަކާތްތެރި ބައިވެރިވުމަށް ޝުކުރު ދަންނަވާ ކަމަށެވެ. މިފަދަ ހަރަކާތްތައް ބޭއްވުމުގައި ދިރާގުން އަބަދުވެސް ވެދެއްވާ އެހީތެރިކަން އުފަލާ އެކު ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ މި އަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ދަރުބާރުގޭގައި ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި ޑިޖިޓަލް މުސްތަގުބަލުގައި ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވާ އިވެންޓްތަކާއި ޕްރޮޖެކްޓްތަކަށް އެ ކުންފުނިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް