
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯ އާއި ސްޓެލްކޯ އާ ދެމެދު ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން ކަރަންޓު މީޓަރު ހަރުކޮށްފައި ހުރި ކޮންމެ ގޭބިސީއަކަށް މި ފެށޭ މަހުން ފެށިގެން ސްޓެލްކޯއިން ފޮނުވާ ބިލުގައި ކުނި ބިލް ހިމަނާނެއެވެ. އެކަމަށް ގޭބިސީތަކުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް، ވިޔަފާރިތަކުގެ ކަރަންޓު ބިލުގައި ކުނި ބިލް ހިމަނާނީ ރަޖިސްޓްރީ ކުރުމުންނެވެ.
ވެމްކޯ އާއި ސްޓެލްކޯއިން ވެސް ވަނީ މި ފަދަ ހިދުމަތެއްގެ ދޭން ފަށާއިރު ދިމާވެދާނެ މައްސަލައެއް ހައްލުކުރުމަށް ނުވަތަ ޝަކުވާއެއް ވާނަމަ އެކަމަކާ ގުޅޭގޮތުން އެ ދެ ކުންފުންޏާ މުއާމަލާތުކުރުމަށް އެދިފައެވެ.
ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން ދޭން ފަށާ މި ހިދުމަތާ އެކު އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދެއް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ގެޒެޓުކޮށްފައެވެ.
އެ ގަވާއިދުގައި ސްޓެލްކޯގެ ބިލާއި ވެމްކޯގެ ބިލު އެއްކޮށްލުމުގެ ކުރިން ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ކޮށްފައިވާ ބިލުތަކާއި އެއާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ އެއްވެސް މި އެއްބަސްވުމުގެ ދަށުން ހަދާ ބިލެއްގައި ހިމަނައިގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ބިލު ކުރާ މުއްދަތުގެ ކުރިން ވެމްކޯ އާއި ސްޓެލްކޯއިން ދީފައިވާ އެއްވެސް ހިދުމަތަކަށް ނަގަން ޖެހޭ ފީ އެއް ނުވަތަ އެފަދަ ފައިސާއެއް މި އެއްބަސްވުމުގެ ދަށުން ހަދާ ބިލެއްގައި ހިމަނައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ބިލު ކުރަން ޖެހޭ ގޮތް ކަމަށް އެ ގަވާއިދުގައި ބުނެފައިވަނީ ކޮންމެ ބިލެއްގެ މުއްދަތު ނިމޭތާ ހަތް ދުވަހުގެ ތެރޭގައި އެ މަހަކަށް ވާ ބިލު ހިދުމަތް ހޯދާ ފަރާތަށް ފޮނުވަން ވާނެ ކަމަށެވެ. ގަވާއިދުގައި ވަނީ ބިލު ކުރުމުގެ މުއްދަތު ކަމަށް ބަލާނީ 28 ދުވަހާއި 31 ދުވަހާ ދެމެދުގެ މުއްދަތެއް ކަމަށާއި ބިލު ކުރެވޭ ތާރީހުން ފެށިގެން ބިލު ދެއްކުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ދޭން ވާނެ ކަމަށެވެ. ބިލު ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ބިލު ނުދައްކައިފި ނަމަ ހަތް ދުވަހުގެ ނޯޓިހެއް ދޭން ވާނެ ކަމަށް ވެސް އެ ގަވައިދުގައިވެއެވެ.
ކުނި ބިލާއި ކަރަންޓު ބިލް އެއްކޮށްލައިގެން ފޮނުވަން ނިންމައި ދެ ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ވެމްކޯ އާއި ސްޓެލްކޯއިން ސޮއިކޮށްފައިވާއިރު، ވެމްކޯއިން މީގެކުރިން ބުނެފައިވަނީ ކަރަންޓު ބިލަށް 34 ޔުނިޓު ނާރާ ގެތަކަށް ކުނީގެ ބިލް ނުފޮނުވާނެ ކަމަށާއި ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާފައިވާ ނަމަ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
ވެމްކޯއިން ބުނީ ކުނީގެ ހިދުމަތަށް ނަގާ ފީ ގެ ގޮތުގައި ނަގާނީ 150 ރުފިޔާ ކަމަށާއި އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93 ރުފިޔާ ކަމަށެވެ. އެއީ އަހަރަކަށް ޖެހޭ މިންވަރު 1،800 ރުފިޔާ، 365 ދުވަހަށް ބެހުމަށްފަހު ދުވާލަކަށް ޖެހޭ މިންވަރު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.