މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލުގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮގްރާމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީން ރާއްޖެއަށް ބޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން އެ ޕްރޮގްރާމުގެ ކޯޕަންހޭގަންގައި ހުންނަ ގްލޯބަލް ހެލްތް ޕްރޮކިއުމަންޓް ސެންޓަރުގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމުގައެވެ. އެ ޓީމުގެ އިތުރުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި މި ޕްރޮޖެކްޓުގެ ސްޓިއަރިންގް ކޮމިޓީގައި އެމްއެފްޑީއޭ ހިމަނާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ބޭސް ވަގުތުން ވަގުތަށް ގެނައުމަށް ފަސޭހަވުމާއި ބޭސް ލިބުމަށް ހުންނަ ދަތިތައް ހައްލުވެގެން ދިއުމުގެ އިތުރުން ސިއްހީ ނިޒާމުގައި މިހާރު ހުރި ބައެއް މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާގެ ޕްރޮކިއުމަންޓް ނިޒާމުވެސް އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.