
ކުރިން މިގޮތުން ވައިރަލް ވެފައިވާ ބައެއް ފޮޓޯތަކުން ފެންނަނީ ޕާކިސްތާނުގެ ބައެއް މީހުންގެ މަހާނަތައް ދަގަނޑު ކޮއްޓަކުން ހިމާޔަތްކޮށް ތަޅުލާފައިވާކަމަށް ބުނާ މަންޒަރެވެ.
މި މަންޒަރުތައް ފެނުމުން ގިނަބަޔަކު ސުވާލު އުފައްދަން ފަށާފައިވަނީ މިއީ ކީއްކުރަން ކުރާކަމެއްތޯ؟ އެވެ.
ޕާކިސްތާނުގައި އަންހެނުންގެ މަހާނަތައް ތަޅުލަނީ މަރުވާ މީހުންގެ މަހާނަކޮނެގެން ރޭޕު ކުރާ މީހުންގެ އަދަދު އިތުރުވާތީކަމަށް ބައެއް ރިޕޯޓުތައް ބުނެފައި ވެއެވެ. ނަމަވެސް ފަހުން އާއްމުވި އެ ފޮޓޯ ތަކަކީ ޕާކިސްތާނާ ގުޅުމެއްވެސް ނެތް ފޮޓޯ ތަކެކެވެ. އަދި އެކަމާ ރޭޕްގެ އެއްވެސް އަމަލަކާވެސް ގުޅުމެއް ނެތެވެ.
ޕާކިސްތާނުގައި ގަބުރު ކޮނެގެން ނަގާ ރޭޕް ކުރާކަމަށް ބުނެ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޑެއިލީ ޓައިމްސްގައެވެ. އަދި އޭގެފަހުން އިންޑިއާގެ ނޫސްތަކުގައިވެސް އެކަން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް ހަގީގަތް އެނގުނުއިރު ކަން ހިނގާފައިވަނީ ދިމާ އިދިކޮޅަށެވެ.
ފަހުން އާއްމުވި ފޮޓޯ ތަކަކީ އިންޑިއާގެ ހައިދަރުއާބާދުގެ ގަބުރުސްތާނެއްގެ ފޮޓޯ ތަކެކެވެ. އެފޮޓޯތައް އިންޓަނެޓްގައި ވައިރަލްކޮށް ދޮގު ވާހަކަތައް ފެތުރީ ކުރިން މުސްލިމެއްގެ ގޮތުގައި ހުރި އިންޑިއާގެ ހާރިސް ސުލައިމާން ކިޔާ މީހަކު ދީނުން ބޭރުވުމަށް ފަހު އިސްލާދީނާމެދު މީހުންގެ ހިތުގައި ނަފުރަތު އުފެއްދުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ތަޅުލާފައިވާ މަހާނައިގެ ފޮޓޯއަކީ ހައިދަރުއާބަދުގެ ޒުވާނެއްގެ މަންމަ މަރުވުމުން ވަޅުލުމަށްފަހު މަތިން ދަނގަޑު ގޭޓެއް އަޅަ ތަޅުލާފައިވާ މަހާނައެކެވެ. އެގޮތަށް ބައެއް މީހުން ކަންތައް ކުރަނީ ދުވަސް ތަކަކަށްފަހު އެ މަހާނައިގެ މަތީގައި އަނެއްކާވެސް އެހެން މީހަކު ވަޅުލާތީ އެގޮތަށް އާއިލާއިން ބޭނުން ނުވާތީ ކަމަށެވެ.
އިންޑިއާގައި އެހެން މީހަކަށް ދެން އެތާންގައި މީހަކު ވަޅު ނުލެވޭގޮތަށް ހަދަނީ އާއިލާގެ މީހުން ގިނަ ދުވަސްތަކަކަށް ފަހު ސަހަރާއަށް ޒިޔާރަތް ކުރާއިރު މަހާނަ މަތީގައި އެހެން މީހަކު ވަޅުލާފައި އޮންނަ މައްސަލަ ބޮޑުވެގެންނެވެ.