ޑައިނަމޯ ބަޓޫމީއަށް ކުޅުމަށްފަހު ކަވާރަޓްސްކޭލިއާ ނަޕޯލީއަށް ބަދަލުވީ މި ސީޒަންގައެވެ. އޭގެ ފަހުން އޭނާ ކުޅުނު 33 މެޗުން ކަވާރަޓްސްކޭލިއާ ވަނީ ނަޕޯލީއަށް 12 ލަނޑު ޖަހައިދީ، 10 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެ އިތުރުން، މި ސީޒަންގައި ނަޕޯލީ ހޯދި ކާމިޔާބީތަކުގައި ކަވާރަޓްސްކޭލިއާގެ ހިއްސާ ބޮޑެވެ.
އުމުރުން 22 އަހަރުގެ ވިންގާ އާއި ގުޅޭ ގޮތުން އިޓާލިއަން ލީގުގެ ޗީފް އެގްޒެކެޓިވް، ލުއިޖީ ޑި ސިއާވޯ ވިދާޅުވީ ކަވާރަޓްސްކޭލިއާގެ ފަރާތުން މި ސީޒަންގައި ހައިރާންކުރުވަނިވި މޮޅު ކުޅުމެއް ފެނުނު ކަމަށެވެ. އަދި މިފަދަ މޮޅު ކުޅުންތެރިއެއް އިޓާލިއަން ލީގަށް ގެނައިކަމަށްޓަކާ އޭނާ ވަނީ ނަޕޯލީއަށް މަރުހަބާ ވިދާޅުވެފައެވެ.
މި ސީޒަންގައި އިޓާލިއަން ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނަޕޯލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީއެވެ.