އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ސިންގަޕޫރު ކުންފުންޏާއި އެމްއެންއޯސީގެ މަސައްކަތްތައް އަލުން ފަށައި އިންޓަނޭޝަނަލް ފިއުލް ޓްރޭޑިންއަށް ދއުމަށް ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯގެ އެމްޑީ ވިދާޅުވެފައިވަނީ އެސްޓީއޯ ސިންގަޕޫރު ކުންފުންޏާއި އެމްއެންއޯސީ ގުޅިގެން މީގެކުރިންވެސް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް އަލުން ފަށައިގަތުމަށްފަހު ތެލުގެ ވިޔަފާރި ފުޅާކުރުމަށް ވިސްނާފައިވާ ކަމަށެވެ. އެގޮތުން ފިޒްކަލް ޓްރޭޑިންގެ އިތުރުން ޕޭޕަ ޓްރޭޑިން އޭގެތެރޭގައި ހިމެނިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވި ގޮތުގައި ފިއުލް ޓްރޭޑް ކުރުމަށް ރާއްޖޭން ބޭރުގައި ސްޓޯރޭޖެއް ގާއިމުކުރުމަށް ވިސްނަމުން ގެންދާ ކަމަށާއި ޔޫއޭއީގައި މި ސްޓޯރޭޖް ގާއިމުކުރުމަށް ބަލަމުން އަންނަ ކަމުގައެވެ.
އެސްޓީއޯއިން ދަނީ އެ ކުންފުނީގެ ވިޔަފާރި ބައިނަލްއަގުވާމީ ދާއިރާތަކުގައި ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މި އަހަރު ގަލްފް ފުޑް އެކްސްޕޯ އަދި ކޮންސްޓްރަކްޝަން ފެއާއެއް ކަމަށްވާ "ބިގް 5" ގައި އެ ކުންފުނިން ވަނީ ބައިވެރިވެފައެވެ. އެ ފެއާތަކުގެ ސަބަބުން އެސްޓީއޯ ގްރޫޕްގެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން އުފައްދާފައިވާ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން ސައީދު ވިދާޅުވެފައިވަނީ އެމްއެސްއެސް އުފެދުނުތާ ތިން އަހަރުގެ ތެރޭގައި ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކުރެވިފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ އެމްއެސްއެސްގެ ފްލީޓުގައި ތިން ބޯޓެއް އޮންނައިރު ކޮންޓެއިނަރު ބޯޓު އެމްއެސްއެސް ގްރެފީންއިން ދަނީ ކޮލަމްބޯ އާއި މާލެ އާ ދެމެދު ދަތުރު ކުރަމުން ކަަމަށާއި އެ ކުންފުނީގެ ބަލްކް ކެރިއާ، އެމްއެސްއެސް ކްރޯމްއިން ދަނީ ޔޫއޭއީ އާއި މާލެ އާ ދެމެދު ދަތުރުކުރަމުން ކަމަށެވެ.