
މިހާރު ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރެމުންދާތީ ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް މިދުވަސް ވަރު ބޭއްވުމަކީ އެންމެ ރައްކާތެރި ކަމެއް ކަމަށް ނުދެކެވޭތީ، މާލެ ސިޓީގައި ފެއާ އަދި ބާޒާރުތައް ބޭއްވުން ވަކި ތާރީހެއް ނެތް ގޮތަށް މަނާ ކޮށްފައި ވާކަމަށް އެ ކައުންސިލުން ބުނެއެވެ.
ކޮވިޑް-19 އިން ރައްކާތެރި ވުމަށް ދިވެހި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން ދާއިރު، އިސްލާމިކް މިނސްޓްރީ އިން ވަނީ އުމުރުން ދުވަސްވި މީހުންނާއި ކުޑަ ކުދިން މިސްކިއްތަކަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރާއްޖޭގެ ސްކޫލްތައް ފުރަތަމަ ޓާމްގެ ”މިޑް ޓާމް ހޮލިޑޭ" އަށް ފަހު އިތުރު އެއް ހަފްތާއަށް ސަރުކާރުން ވަނީ ސްކޫލްތައް ވެސް ބަންދުކޮށްފައެވެ.
މީގެ އިތުރުން، މީހުން ގިނައިން އެއްވެ އުޅުމަށް މެދުވެރިވާނެ ކަންތައްތައް މަދުކޮށް ވައިރަހުން ރައްކާތެރި ވުމަށް ރާއްޖޭގެ ގިނަ ކުންފުނި ތަކަކުން ދަނީ އެ ކުންފުނި ތަކުގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް، ހިދުމަތްތައް އޮންލައިންކޮށް ލިބިގަތުމަށް އިލްތިމާސްކޮށްފައެވެ. މިގޮތަށް އިލްތިމާސް ކޮށްފައި ވާ ކުންފުނި ތަކުގެ ތެރޭގައި މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ، ދިރާގު އަދި މޯލްޑިވިއަން ހިމެނެއެވެ.
ރާއްޖެއިން މިހާތަނަށް އަށް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.