
މިއަދު ފެށި މި މުބާރާތް ކުރިއަށްދަނި މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ. މިފަހަރުގެ މުބާރާތުގައި 33 ގައުމަކުން 303 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ އަހަރު ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު މުބާރާތް މެދު ކެނޑުނެވެ. އޭގެ ފަހުން މުބާރާތް ބޭއްވީ 2019 ވަނަ އަހަރުއެވެ. އެ ފަހުން އަނެއްކާ ކޮވިޑަށް މެދު ކެނޑުމަށް ފަހު މިދިޔަ އަހަރު މުބާރާތް އަނެއްކާވެސް ބޭއްވިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 25 ގައުމަކުން 200 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ. އަންނަ އަހަރު އޮލިމްޕިކް ގޭމްސް އޮތުމާ އެކު މި އަހަރުގެ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ އަދަދު އިތުރުވުމަކީ މޯލްޑިވްސް ޗެލެންޖަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެސޯސިއޭޝަނުން ދެކެއެވެ.