ads
ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުން
ވަކިކުރި ފުލުސް އޮފިސަރުންނަށް ފިޔަވަޅު ނާޅަން ހައިކޯޓުގެ އަމުރެއް
ފުލުސް އޮފީހުން ވަކިކުރި އިސް އޮފިސަރުންތަކުގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ފުލުސް އޮފީހުން ވަކިކުރި އިސް އޮފިސަރުންތަކުގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން އަމުރުކުރީ ޕޮލިސް ބޯޑުން، ވަކި ކުރަން ނިންމާފައިވާ ފުލުހުންގެ އިސް ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން އެ ނިންމުން ބާތިލުކުރުމުން ޕޮލިސް ބޯޑުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ނެރުނު އަމުރެއްގައެވެ.

ދައުލަތުން  މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖަނަވަރީ މަހު ފަހުކޮޅުއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ފަސް އޮފިސަރުންގެ މައްސަލަތައް ބެލިކަމަށް ދައުލަތުން ބުނިނަމަވެސް އެކަމުގެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.  އަދި، ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނަތަކަށް ބެލުމަށް ފަހުގައި ކަމަށް ހުކުމުގައި ބުންޏެވެ. ނަމަވެސް އެ ފަސް އޮފިސަރުންނާއި ގުޅޭ އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަން ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. 

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ 2021 ވަނަ އަހަރުގެ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ.

ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިން އޮފިސަރުންނަކީ:

ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ

ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު

އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު

ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް

ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މި ހަތް އޮފިސަރުންގެ ތެރެއިން އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އަށެވެ. މި ދެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް ފަސް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ އެދެމީހުން ވަޒީފާއިން ވަކިކުރުމުގެ ކުރިންނެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅިތަނާހެން އެކަމަށް ކޯޓަށް ގޮތެއް ނުނިންމި އުޅެނިކޮށް އެދެމީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މައްސަލާގައި ބައިވެރިވާ އަނެއް ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ފިޔަވައި ދެން ތިއްބެވި ހަތަރު އޮފިސަރުން 2021ވަނަ އަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހު ވަޒީފާއިން ވަކިކުރާނެ ކަމަށް ވަނީ ނޯޓިސް ފޮނުވާފައެވެ. ޝުހާދު އަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ އެވަގުތު އޮސްޓްރޭލިއާގައި ހުންނެވުމުން ކަމަށް ވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްއިން މައްސަލަ ހުށަހެޅުމަށްފަހު އެދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް