އެއީ މަތީ ގެއެއް ކަމަށްވާ "މަޖްލިސް އަދުން" އާއި ދަށު ގެއެއް ކަމަށްވާ "މަޖްލިސް މަޖްލިސް" އެވެ. "މަޖްލިސް އަދުން" އެކުލެވިގެންވަނީ ސުލްޠާން އައްޔަން ކުރެއްވި މެންބަރުންގެ މައްޗަށެވެ. މަޖްލިސް މަޖްލިސް އިންތިހާބު ކުރީ ރައްޔިތުންނެވެ.
މި ދަންނަވާ ކުޅިވަރަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ސިޔާސީ ބޭނުމުގައި ބާރުގަދަ މީހުން އައްތަބާނަވާ ވާހަކައެވެ.
ރައްޔިތުންގެ މަޖިލީހެއް އެކުލަވާލުމަށް ޝަމްޝުއްދީން ރަދުން ނިންމެވި ނަމަވެސް، އެ މަޖިލީހުގެ ތެރެއަށް އަރިސް ބޭފުޅުންކޮޅެއް ނުލައްވާ ނުވިއެވެ.
ކޮންމެ ގޮތެއްވިއަސް ޝަމްޝުއްދީންގެ ވެރިކަމުގައި މި ދަންނަވާ މަޖިލީހުގެ ނިމުން އައީ ރައްޔިތުން ނުކުމެ ގާނޫނު އަސާސީ އިރާލުމުންނެވެ.
މީގެ މާނައަކީ ވެރިކަމުގައި ހުންނަވާ ބޭފުޅުން ނުވަތަ ސިޔާސީ ގޮތުން ބާރުގަދަ ބޭފުޅުން ބޭނުންހާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް މަޖިލިސް ވުމަކީ އަޅުގަނޑުމެންގެ ކާބަފައިން އެދުނުކަމެއް ނޫންކަމެވެ.
ހާލަތު އަދިވެސް ބަދަލުވިހެނެއް ހިޔެއް ނުވެއެވެ. ރައްޔިތުން މަޖިލީސް މިއަދު ވެފައި މިވަނީ ހަމަ "ފުއްގަނޑަކަށް" ނޫންތޯ؟ އެވެ. ބާރުގަދަ މީހުންގެ ނުފޫޒުގައި މެންބަރުން "ހިއްސާގެ ބާޒާރުގައި" ގަނެވިއްކަނީއެވެ. ހަމަގައިމުވެސް "ހަށިވިއްކާ" މީހުންނަށްވުރެ ބޮޑު އަގުގައި މަޖިލީސް މެންބަރުން ގަނެ ވިއްކާކަމަށް ރިޔާސީ ކޮމިޝަންތަކުން ދީފައިވާ ބަޔާންތަކުން ދޭހަވެއެވެ.
މިސާލަކަށް މި ދަންނަވަނީ މިހާތަނަށް ފަހުގެ ތާރީހެއްގައި ހިނގާފައިވާ އެމްއެމްޕީއާރުސީ ކަރަޕްޝަނުގެ ވާހަކައެވެ.
މިއީ ޑިސެންބަރު 2019 ވަނަ އަހަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅެކެވެ.
ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ބޮޑަށް ބެލެވޭ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކޮށްގެން އޭރު ރައްޔިތުންގެ މަޖިލީހުގެ މެންނަރުން ގަތީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ރާއްޖޭގެ ނައިބު ރައީސްކަމަށް ވަޑައިގަތުމަށް ގާނޫނު އަސާސީގައި ނައިބު ރައީސްކަމުގެ ޝަރުތުހަމަވާ އުމުރު 35 އަހަރަށް ހަގު ކުރުމަށެވެ.
އަދުގެ ސްކޯ: 37 - 50
މިއީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަ ފުޅެކެވެ. އެމަނިކުފާނު އެ ވިދާޅުވަނީ، "ގައުމެއް ތަރައްގީވެ މިދަނީ ވަކި ހާއްސަ ކަންތައްތަކެއް ވަކިއިރެއްގައި ވަކިގޮތަކަށް ކުރެވުނީމަ. އެ ކަންތައްތައް ދެނެމިގަނެވެނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގި ފާޑުކީ ވާދަވެރި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވީމަ. މަގުން ކައްސާލާ ކިރިޔާވެސް ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު ރާއްޖޭގެ މިޔޮއްހާ ޒަމާނު ކުރަމުން ގެންދިޔަ އަނިޔާ އެއީ މި ރާއްޖޭގެ ތަރައްގީއަށް އެޅުނު އެންމެ ބޮޑު ހުރަސް،" ކަމަށެވެ.
ސުވާލަކީ ދިވެހި ރައްޔިތުންނަށް ޒަމާނުއްސުރެ ކުރަމުން ގެންދިޔަ އަނިޔާ ނިމުމަކަށް އައިސްސިތޯއެވެ؟ ރައްޔިތުންގެ ވެރިކަމުގެ ނަމުގައި "ރަސްކަން ކުރުމާ" ޑިމޮކްރަސީގެ ނަމުގައި "ދިމުގުރާތީ" ކިޔާ ބޮޑިބަތެއް ކެއްކުމުގައި ދިވެހިން ގޮސް ނިމެންވީތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގެ ނަމުގައު "ނާސިގެއެއް" ހިންގައި ބޮޑެތި އަގުއަގުގައި "ހަށި ވިއްކާ" އިރު އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންތޯ؟ އެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ މިއަދު ޓެކްނޮލޮޖީގެ ގޮތުންނާއި، ޖާގައިގެ ގޮތުން އަދި ހިދުމަތްތަކުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޖިލީހެކެވެ. މަޖިލީސް މެންބަރުންނަށް ހާއްސަކޮށް ހުޅުވުނު ޖިމް މިކަމަށް ހެކިދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ، ރައްޔިތުންގެ މަޖިލީހަކީ ވޭތުވެދިޔަ 75 އަހަރުވެސް މަޖިލީހުގެ މިނިވަންކަމާ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ދިވެހިރައްޔިތުން އިންތިހާއަށް މަސައްކަތް ކޮށްފައިވާކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު މިތާ އިންހާ ދުވަހަކު އެކަން ގެއްލިޔަ ދިޔަކަ އާޅުގަނޑު ނުދޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު ދައްކާގޮތުން މިވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ބާޒާރުގެ މާކެޓު ހުޅުވާލުމަށް ތައްޔާރަށް އޮތް ހާލަތެއް ކަމަށް ބެލެވެއެވެ. ސަބަބަކީ ފުލުފުލުގައި އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހަޅާފައިވާއިރު، މަޖިލީހުގައި މި މައްސަލަތައް ނިމޭގޮތަކީ ވެރިކަމުގައި މިވަގުތު އޮތް ކޯލިޝަނަށް ވެސް އަދި އިދިކޮޅު ކޯލިޝާނަށް ވެސް މުހިންމު ނިންމުމަކަށް ވާނެއެވެ. ސަބަބަކީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާތީއެވެ.
މިއަދުގެ ލަފާކުރެވޭ ސްކޯއަކީ 37 - 50 އެވެ. އިދިކޮޅަށް 37ކެވެ. ސަރުކާރަށް 50 އެވެ. މި ސްކޯ ބަދަލުކުރަން ގަނެވިއްކުމުގަ ބާޒާރު އަނެއްކާވެސް މިވަނީ މި ދުވަސްވަރު ހުޅުވިފައިކަމަށް ބެލެވެއެވެ.