
އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ކަންޓޭ ވަނީ އަލް އިއްތިހާދާއެކު 2025 ގެ ނިޔަލަށް ކޮންޓްރެކްޓް ހަދަން އެއްބަސްވެފައެވެ. މި އެއްބަސްވުން ހަދަނީ 100 މިލިއަން ޔޫރޯގެ ބޮޑު އަގަކަށެވެ. ކަންޓޭގެ އިތުރުން ރެއާލް މެޑްރިޑްގެ ކެޕްޓަންކަން ކުރި ކަރިމް ބެންޒެމާވެސް މިހާރު ވަނީ އަލް އިއްތިހާދަށް ސޮއިކޮށްފައެވެ. މި ދެކުޅުންތެރިންނަކީވެސް ފްރާންސްގެ ކުޅުންތެރިންނެވެ.
ސައުދީގެ ކްލަބުތަކުން އަންނަނީ ދުނިޔޭގެ ނަން ހިނގާ މޮޅެތި ކުޅުންތެރިން އެގައުމުގެ ކްލަބުތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމީހުން އަންނަނީ އެކަމަށް ބޮޑު ހަރަދެއްވެސް ކުރަމުންނެވެ.
ޗެލްސީއާއެކު ކަންޓޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ލެސްޓާ ސިޓީއަށްވެސް ކުޅުނު ކަންޓޭ ޗެލްސީއާ ގުޅުނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީއަށް 109 މެޗު ކުޅެދީ 11 ލަނޑު ޖަހައިދީފައެވެ.