
މިފަހަރުގެ މުބާރާތުގައި އެންމެ ދުރަށް ދަތުރުކުރީ ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ އަދި ވިމެންސް ޑަބަލްސް ޕެއާއެވެ. މި ދެޕެއާވެސް ވަނީ އިވެންޓުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ނަމަވެސް ގަދަ 16 ގެ މެޗުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީއެވެ.
މިނިސްޓަރ މަހްލޫފް ޝަހީދަށް ހިތްވަރުދެއްވަނީ، ފޮޓޯ: އެމްއެންޔޫއެސްޔޫ
މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 ގައި ރާއްޖޭގެ ހުސައިން ޝަހީދާއި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގްގެ ޕެއާ ބައްދަލުކުރީ އިންޑިއާގެ ދީޕް ރަމްބިޔާ އަދި އަނާގާ އަރްވިންދާ ޕާއީގެ ޕެއާއާއެވެ. މި މެޗުން ރާއްޖެ ޓީމު ބަލިވީ 2-0 ންނެވެ. ސެޓުތައް ނިމުނީ 21-15 އަދި 21-19 ންނެވެ.
އަންހެން ޑަބަލްސްގައި ނަބާހާ އާއި އާމިނަތު ނަބީހާ އަބްދުލް ރައްޒާގުގެ ޕެއާ، އިންޑިއާގެ އަނާގާ އާއި ރިދީ ކައުރް ޓޫރްގެ ޕެއާ އަތުން ބަލިވީ 21-18 އަދި 21-8 ންނެވެ. ޝުބާ މުހައްމަދު ޝަރީފާއި އައިޝަތު ޒޯޔާ ހުސައިންގެ ޕެއާ ވާދަކުރީ އިންޑިއާގެ ނިކީ ރަޕްރިއާ އަދި ނިޝޫ ރަޕްރިއާގެ ޕެއާއާއެވެ. މި މެޗު އިންޑިއާ ޓީމުން ކާމިޔާބުކުރީ 21-9 އަދި 21-10 ންނެވެ.
މިފަހަރުގެ މުބާރާތުގައި 33 ގައުމަކުން 303 ކުޅުންތެރިން ވާދަކުރެއެވެ. މުބާރާތް ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މެޗުތައް ކުރިއަށް ދަނީ މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ.