އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ޝާއިއުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަށް ހަފްތާއަށް ދެމިގެންދާ މި މަޝްވަރާތަކުގައި ފްރީ ޓްރޭޑް އެއްބަސްވުން އެކުލަވާލުމަށް ވިޔަފާރިތަކާއި ޖަމިއްޔާތަކުގެ އިތުރުން ތަޖުރިބާކާރުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ އެ މަޝްވަރާތަކުގެ ތެރެއިން ރާއްޖެ އާއެކު ވިޔަފާރިކުރުމުގައި އެ ގައުމުގެ ވިޔަފާރިތަކާއި ޖަމިއްޔާތަކަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ފާހަގަކުރެވޭނެ ކަމަށެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެ އާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން އިއުލާނުކުރައްވާފައިވާތީ އެކަމަށް މަރުހަބާ ދަންނަވާ ކަަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިގުތިސޯދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތާއި ރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް މަޝްވަރާ ކުރުމުގެ މަރުހަލާ ފެށިގެން ދިޔުމަކީ ރާއްޖޭގެ އިގުތިސޯދީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ. މި ކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއިކޮށްފައި ނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.