
"ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގެ ނަމުގައި ބޭއްވޭ މި ބައްދަލުވުމަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އދ ގެ ޖަމުއިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އަލީ ނަސީރު ތަގުރީރުކުރައްވާނެއެވެ. މި ކޮންފަރެންސް ބާއްވަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޗަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ. ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާއިން މި ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަނީއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމަށެވެ. އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށްކަމަށް ކަނޑައަޅުމަށްޓަކައި ރާއްޖެއިން ކެނޑިނޭޅި ދަނީ ވަކާލާތުކުރަމުންނެވެ.