ads
ރައީސް ސޯލިހު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޮސްލާ އާ ސަލާން ކުރައްވަނީ - ފޮޓޯ:އިނގިރޭސިވިލާތުގެ އެމްބަސީ
އިނގިރޭސިވިލާތުގެ ފްރީ ޓްރޭޑް އެއްބަސްވުމަށް ރާއްޖޭން މަރުހަބާ ކިޔައިފި
ރާއްޖެ އާއެކު އިނގިރޭސިވިލާތުން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރުމަށްޓަކައި އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ފެށުމަށް އާންމުކޮށް އިއުލާން ކުރުމުން އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

އިނގިރޭސިވިލާތުގެ ނިންމުމަށް މަރުހަބާ ކިޔާ މިއަދު ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ އިގުތިސޯދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާ އެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ރާއްޖޭން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާ އެކު ގިނަގުނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

"މި މަޝްވަރާތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގުތިސޯދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށްވުރެ އިތުރުވެގެންދާނެއެވެ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.


މި މަސައްކަތް ފެށުމަށްޓަކައި ރާއްޖެ އާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމުއިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ހިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭން އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ ހަތަރު އަހަރު މެދުކެނޑުމެއްނެތި ރައީސް ސޯލިހު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިގުތިސޯދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތާއި ރާއްޖެ އާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމަކީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް