ads
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ: މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނައުމަށް އެސްޓީއޯއިން ވަނީ ނިންމާފައި - ފޮޓޯ:މިހާރު
އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި، ޕެޓްރޯލް ލީޓަރެެއް 14.73 ރުފިޔާއަށް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތެޔޮ ވިއްކާ އަގު ހެޔޮކޮށްފިއެވެ.

މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.73 ރުފިޔާއަށް ކަމަށާއި ޑީސަލް ލީޓަރެއް ލިބޭނީ 15.07 ރުފިޔާއަށް ކަަމަށް އެސްޓީއޯއިން ބުނެއެވެ.

ޕެޓްރޯލް ލީޓަރެއް 14.73 ރުފިޔާއަށް ވިއްކަން ނިންމިއިރު، މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 15.14 ރުފިޔާއަށެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 15.70 ރުފިޔާއަށެވެ. އެހެންކަމުން މިއީ ޑީސަލް ލީޓަރަކުން 63 ލާރީގެ ހެޔޮވުމެކެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް ބާރު ބޮޑުވެ، ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން އެސްޓީއޯއިން ވަނީ ގާތްގާތުގައި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑު ކޮށްފައެވެ. އެގޮތުން އެންމެ ފަހުން ތެލުގެ އަގު ބޮޑު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއަށް ފަހު މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ތެލުގެ އަގު ހެޔޮ ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.

އެސްޓީއޯއިން މީގެކުރިން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތައް ގެންނަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް