މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތަކުގެ ޓިކެޓު އެ އެއާލައިނުގެ ވެބްސައިޓުން މިހާރު ވަނީ ވިއްކަން ފަށާފައެވެ. ވާޖިން އެޓްލާންޓިކް އެއާލައިނުން ބުނެފައިވަނީ އެ އެއާލައިނުގެ ދަތުރުތައް ކުރުމަށް ނިންމާފައިވަނީ ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓުން ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ހަފުތާއަކު ތިން ފްލައިޓް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
ނޮވެމްބަރު މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ފެށޭ މަހެވެ. ބޭޭރުގެ އެއާލައިންތަކުގެ ތެރެއިން ރާއްޖެއަށް އާންމުކޮށް ދަތުރު ނުކުރާ އެއާލައިންތަކުން އެ ދުވަސްވަރާ ދިމާކޮށް އަބަދުވެސް ހާއްސަ ފްލައިޓުތައް ބާއްވައެވެ.
ވާޖިން އެޓްލާންޓިކް އެއާލައިނުން 35 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އެއާލައިނުގެ ފްލީޓްގައި 41 ބޯޓު އޮވެއެވެ.
ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް އޮކްޓޯބަރު މަހު ފަށާނެކަން ހާމަކޮށްފައިވާއިރު، އޮމާން އެއާއިން ވެސް ވަނީ އެ އެއާލައިނުގެ ދަތުރުތައް މި މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަކަމަށް ބުނެފައެވެ. ރާއްޖެއަށް 35 އެއާލައިނަކުން މިހާރުވެސް އަންނަނީ ދަތުރުތަައް ބާއްވަމުންނެވެ.