
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބުރާސްފަތި ދުވަހު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްއާއި ރައީސްގެ މައްސަލަ އެއްކޮށް މަޖިލީހަށް ވެއްދުމުން މަޖިލިސް ޑެޑްލޮކަށް ގޮސް މަޖިލިސް މިހާރު ކުރިއަށް ގެންދެވޭނެގޮތެއް ނެތްކަމަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް ނަމަ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސްއަށް ކަމަށާއި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައްގައި ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ރައީސްއަށް ކަމަށް އީވާ ވިދާޅުވިއެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ނޯޓިސް ދީފައިވާތީ އީވާއަށް ރިޔާސަތު މިހާރު ނުބެލެހެއްޓޭނެއެވެ.
މިހާލަތުގައި އޮއްވައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާ، ރައީސް ނަޝީދަށްވެސް އެހިސާބު ފެށިގެން މަޖިލީހުގެ ރިޔާސަތަށް ވަޑައި ނުގެންނެވޭނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާކަމަށާއި އެހެންކަމުން ސަރުކާރުން މިކަމުގައި ބޭނުންވަނީ ކޮން ގޮތެއްކަން އެނގޭކަމަށް އީވާ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވެސް ތުހުމަތު ކުރެއްވި ގޮތުގައި މަޖިލީސް ޑެޑްލޮކަށް ގެންދިޔައީ ސަރުކާރާއި އެމްޑީޕީން ރާވައިގެންނެވެ.
އާދަމް ޝަރީފް ވިދާޅުވީ 13 މެންބަރުން އެމްޑީޕީން ވަކިވުމުން ކޮމިޓީތަކުގެ ކޮމްޕޮޒިޝަނަށް ބަދަލު އަންނާނެކަން އެނގި ތިބެ އެމްޑީޕީން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މަޖިލިސް ޑެޑްލޮކަކަށް ގެންދިއުމަށް ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުމުން ރިޔާސަތުގައި ނީންދެވޭނެކަމަށް ވިދާޅުވި ވިދާޅުވުމަކީ އަމިއްލަފުޅު ވިސްނުމެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ ނޯޓިސް ނުދޭނަމަ ރިޔާސަތުގައި އިނުމަށް ގަވާއިދު ތަންނުދޭކަމަށާއި ރައީސްއާއި ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ދެން އަމަލުކުރާނެގޮތްވެސް ގަވާއިދުގައި ބުނެފައިވާކަމަށެވެ. އެހެންކަމުން މަޖިލިސް ޑެޑްލޮކަށް ދާނެކަން ގަބޫލު ނުކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.