
ގައުމީ ޓީމްގެ ކުރީގެ ކޯޗު މުހައްމަދު އާސިފް އަމީން ހާންއަކީ ސައުތު އެފްރިކާ މީހެކެވެ.
ރާއްޖޭގައި ކްރިކެޓް ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ކުރިކަން ސާބިތުވެ އާސިފްގެ މައްޗަށް 53 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެެއް ކްރިމިނަލް ކޯޓުން އިއްވީ މިއަދުއެވެ.
ކޯޗު ހުރީ 2019 ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށްފައެވެ.
ދައުލަތުން ކޯޗާ ދެކޮޅަށް ނުަވަ ދައުވާއެއް އުފުލިއެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާއާ ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއެއްގެ އިތުރުން ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާއެވެ.
މީގެ ތެރެއިން ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއިން ކުރެ ކޮންމެ ދައުވާއަކަށް ކުށް ސާބިތުވެ ހަތް އަހަރުގެ ހުކުމެއް އިއްވިއެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާގެ ތެރެއިން އެއް ދައުވާއަށް 15 އަހަރުގެ ހުކުމެއް އިއްވިއިރު ދެވަނަ ދައުވާއަށް އިއްވީ 17 އަހަރުގެ ހުކުމެކެވެ.
ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އެއްމަހާ މަހާއި 15 ދުވަހުގެ ހުކުމެއް އިއްވި އެވެ.
ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ އަށް 22 ދުވަހުގެ ހުކުމެއް އިއްވި އެވެ. މި ހުރިހާ ހުކުމަކާއެކު ޖުމަލް 53 އަހަރަށްވުރެ ބޮޑެވެ