
ސީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވާންގެ މި ދަތުރުފުޅާ ގުޅިގެން އެމްއޭސީއެލުން ބުނެފައިވަނީ މިއަދު މެންދުރު 2:00 އިން ފެށިގެން ހަވީރު 4:00 އަށް ހުޅުލޭގެ ފަޅާއި މަގުތަކުގެ ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން 6:00 އަށް އެ ސަރަހައްދުތައް ބަންދުވާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އެ ވަގުތުތަކުގައި ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަނުން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ ކަނާ ހަމައަށް އެއްވެސް މީހަކަށް ނުވަދެވޭނެ ކަމުގައެވެ. އެހެންނަމަވެސް ކަނޑު އުޅަނދުފަހަރުތަކަށް، ފަޅުގެ އެންމެ ދެކުނު ސަރަހައްދަށް ވަދެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ އެ ވަގުތުތަކުގައި އެމްޓީސީސީގެ ބަސް މަޑުކުރާނީ ވެސްޓާން ޕާކިން އޭރިއާއަށް ކަމަށާއި އެ ކުންފުނީގެ ފެރީ މަޑުކުރާނީ ވެސްޓާން ޕާކިން އޭރިއާ ކައިރީގައިވާ ހާބަރު ސަރަހައްދަށް ކަމަށެވެ.
އެމްއޭސީއެލުން ވަނީ ފުރަން ދާ މީހުންނާއި އެވަގުތުތަކުގައި އެއާޕޯޓުގައި ހަރަކާތްތެރިވާ މީހުން ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް، އެއްބާރުލުން ދިނުމަށް އެދިފައެވެ.