ads
މެއި މަހު މީރާއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 1.8 އިންސައްތަ އިތުރަށް އާމްދަނީ ވަނީ ލިބިފައި - ފޮޓޯ:ރާއްޖެއެމްވީ
މީރާއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިއްޖެ
މެއި މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 1.8 އިންސައްތަ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
Advertisement

މީރާއިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު އެ އޮތޯރިޓީއަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމުގައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.4 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނީ މިއީ މި އަހަރުގެ މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 1.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މ‌ީރާއިން ބުނެފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ‌ ޖީއެސްޓީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އިތުރުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ.

އެގޮތުން ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނެފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅައިބަލާއިރު މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 13.1 އިންސައްތަ އިތުރުވެފައިވާތީ ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.

‌މީގެ އިތުރުން ބައެއް ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކާފައިވާތީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ ފައިނަލް ރިޓާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަސް ކަމަށެވެ.

މި އަަހަރު މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނ‌ީ ލިބިފައިވާ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސްގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މެއި މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުން ކަމުގައި މީރާއިން ބުނެއެވެ. މީރާއިން ބުނި ގޮތުގައި މެއި މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަންދާޒާކުރި ވަރަށްވުރެ 3.6 އިންސައްތަ އިތުރުވެފައިވާތީ، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމުގައެވެ.

އަދި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކަން ޖެހޭ ސުންގަޑީގެ ކުރިން ޓެކްސް ދައްކައިފައިވާތީ މިކަމުގެ ސަބަބުން މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. 

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ.

މެއި މަހު މީރާ އަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:

  • ޖީއެސްޓީ: 1.09 ބިލިއަން ރުފިޔާ (63.59 އިންސައްތަ)
  • އާމްދަނީން ނަގާ ޓެކްސް: 212.43 މިލިއަން ރުފިޔާ (12.41 އިންސައްތަ)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 114.34 މިލިއަން ރުފިޔާ (6.68 އިންސައްތަ)
  • ޑިޕާޗާ ޓެކްސް: 101.20 މިލިއަން ރުފިޔާ (5.91 އިންސައްތަ)
  • ގްރީން ޓެކްސް: 83.10 މިލިއަން ރުފިޔާ (4.85 އިންސައްތަ)
  • އެހެނިހެން ޓެކުހާއި ފީ: 112.17 މިލިއަން ރުފިޔާ (6.55 އިންސައްތަ)

މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް