ads
ސީޝެލްސްގެ ރައީސްއަށް ރަސްމީގޮތުން މަރުހަބާ ދެންނެވުން
ސީޝެލްސްގެ ރައީސްއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފި
ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެވަޑައިގެންނެވި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ހަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނުގައެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން އެދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހްމަދެވެ. 

އެއަށްފަހު، އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސީޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ސީޝެލްސްގެ ރައީސަށް ތައާރުފުކޮށް އެރުވިއެވެ. އަދި ސީޝެލްސްގެ ރައީސް، އެމަނިކުފާނުގެ އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތައާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ސީޝެލްސްގެ ރައީސް‏ ވޭވަލް ރާމްކަލާވަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އަދި ސީޝެލްސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ވަނީ ސޮއެކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް