ads
2018 ވަނަ އަހަރުގެ ރިިޔާސީ އިންތިހާބުގައި ވޯޓުލަނީ---ފޮޓޯ:ޕީއެސްއެމް
އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކުރަންތަ؟ ޕާޓީތަކާއި އީސީން ދައްކާ ވާހަކަތައް މިހިރީ!
ރާއްޖޭގައި ހުރި މިނިވަން މުއައްސަސާ ތަކަކީ އޭރަކު އޮންނަ ސަރުކާރުގެ މުށުތެރޭގައި ތާށިވެފައިވާ ތަންތަން ކަން ފާހަގަ ކުރެވެއެވެ. ކޮންމެވެސް ގޮތަކުން އެތަންތަނަށް ނުފޫޒު ފޯރުވުމަކީ އޭރަކު އޮންނަ ސަރުކާރަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަހަލައެވެ.
Advertisement

ރިޔާސީ އިންތިހާބަށް ތިންމަހަށްވުރެ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަން ކުރުމަށްޓަކައި އެ ކޮމިޝަނުން ގެންދަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. 

ކޮމިޝަނަކީ ނަޒާހަތްތެރި ތަނެއްގެ ގޮތުގައި ހެއްދެވުމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ވިދާޅުވީ އުއްމީދު ކުރަނީ ރަނގަޅު ވާނެ ކަމަށް، ކަމަށެވެ.

ފޯކަލް ޕޮއިންޓުންނަށާއި އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކިޔައިދދެވިފައިވާނީ ވާޖިބްތަކާ ޒިންމާތައް . ވޯޓު ފޮށިތައް ކައިރީ ހަރަކާތްތެރިވާ ފަރާތްތަކަށްވެސް . ދެން އަޅުގަނޑު އުއްމީދު ކުރަން ހުރިހާ މަސައްކަތެއްވެސް ކަނޑައެޅިފަވާ ގޮތުގެ މަތީން ކުރެވިގެން ދާނެ ކަމަށް- އީސީ ރައީސް ފުއާދު

ރިޔާސީ އިންތިހާބަކީ އެތައް ބައެއް ޝާމިލުވާ ބޮޑު މަސައްކަތެކެވެ. 6000 ވަރަކަށް މީހުން އެމަސައްކަތުގައި އީސީން ބައިވެރި ވާނެއެވެ. އެހެންވެ ފުއާދު ވިދާޅުވީ އެންމެންގެ ފަރާތުން ވެސް އަމާނާތްތެރި ކަމާއި އެއްބާރު ލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ. 

އެމްޑީޕީ ދެކަފިވެ، އަލަށް އުފަންވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް 3500 މީހުންގެ ސޮޔާއެކު ފޯމްތައް ހުށަހެޅީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އިވުނު އަޑު އަހާލަން އެހާ ފަސޭހައެއް ނޫނެވެ. އީސީ ތެރެއިން ފޯމްތައް ލީކުވި ވާހަކައެވެ. އަދި އެއީ ރައީސް އޮފީހުން މަގުދެއްކި ގޮތަށް ކުރެވުނު ކަމެއްކަމުގެ ތުހުމަތު ޑިމޮކްރެޓްސް އިން ކުރެއެވެ. 

ފުއާދު ވިދާޅުވަނީ އެކަމެއް ކުރިއްޔާ ކޮށްފައިވަނީ ވަރަށް ސިއްރު އެނގިގެން، ސިއްރިޔާތުގައި، ބުއްދީގެ ބޭނުން ކޮށްގެން ކަމަށެވެ. އަދި ރައީސް އޮފީސްތެރެއިން އަންނަ އެންގުމަކަށް އެމަނިކުފާނު ނޫނެކޭ ވިދާޅުވި ނަމަވެސް، ކޮންމެ މީހަކު އެކަން އެގޮތަށް ކުރައްވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އެންމެފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ޕީޕީއެމްއިން ކުރާ ތުހުމަތު މިއަދާ ހަމައަށް އައިއިރުވެސް ހުއްޓާ ނުލައެވެ. އެހެންނަމަވެސް މިކަމުގައި އެޕާޓީގެ ބަހެއް ހޯދުމަށް، ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވެއެވެ. 

ރިޔާސީ ރޭހަށް މިއަހަރުވެސް ނުކުންނަވާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީން ގަބޫލު ކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އަދި ގަސްތުގައި ހޯހެއް ހަދާފައެއް ނުވެއެވެ. އެޕާޓީގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ ޖުމްލަ ގޮތެއްގައި އީސީއާ ދޭތެރޭ އިތުބާރު ގެއްލިގެން ޝަކުވާއެއް ކުރާ ވަރު ނުވާ ކަމަށެވެ. އަދި އެޕާޓީން ގަބޫލު ކުރާ ގޮތުގައި އެކޮމިޝަނުން ވީ އެންމެ ރަނގަޅަކަށް ކަންކަން ކުރައްވާނެއެވެ.

އެހެންނަމަވެސް ކޮންމެ މުއައްސަސާ އެއްގަވެސް އާއިލާ ތެރޭގަވެސް އާންމު ދިރިއުޅުމުގެ ތެރޭގަވެސް ހަމަ ގޯހެއް ހަދާފާނެ ކަހަލަ ބޭފުޅުން އުޅުއްވާ ދެއްތޯ. މުޅި އީސީއާ ދޭތެރޭ އިތުބާރު ގެއްލޭ ކަމެއް އަދި ޖުމްހޫރީ ޕާޓީއާ ދިމާވެފައެއް ނެތް.  - އަލީ އާރިފް

ދެފުށް ފެންނަ ، މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ އީސީގެ މައްޗައް ގާނޫނު އަސާސީން ލާޒިމް ކުރާ ކަމެކެވެ. އަދި އޭގެ އިތުރުން އެއީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް އިންސާފުވެރި ކަމާއެކު ލިބިދޭންޖެހޭ ހައްގެކެވެ. 

މޯލްޑިވެސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ދެކޭ ގޮތް ތަފާތެވެ. އެޕާޓީން ތުހުމަތު ކުރަނީ މިހާރުވެސް ސަރުކާރަށް ފަހިވާ ގޮތަށް އީސީ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ޕާޓީ އުފެއްދުމުގައިވެސް ދަތިތައް ކުރިމަތިވި ވާހަކަ އެވެ. އެކަންކަމުގެ ސަބަބުން އީސީގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް އެޕާޓީން ދެކެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބަލާއިރު އެބަތިބި ސަރުކާރުގެ މިނިސްޓަރުންގެ ވަރަށް ގާތް ތިމާގެ މީހުންވެސް ލާފަ. އެހެންވީމަ އަޅުގަނޑުމެން މިއެދޭފަދަ އިންސާފުވެރިކަމެއް އަދި މިހާތަނަށް ފެންނަން ނެތްކަން ވަރަށް ހިތާމަޔާއެކީ ދަންނަވަން - އެމްއެންޕީ ކެމްޕޭން ތަރުޖަމާނު

އުޝާމް ވިދާޅުވީ ސަރުކާރުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އަވަސްއަވަހަށް ގަވާއިދު ތަކާއި އުސޫލުތައް ބަދަލު ކުރުމަކީވެސް އެކޮމިޝަނުން ހިންގަމުން އަންނަ ކަމެއް ކަމަށެވެ. 

ދަ ޑިމޮކްރެޓްސްގެ ފޯމްތަކުގެ މައްސަލައާ ގުޅިގެން އީސީން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރުމަށް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެއޮފީހުގެ އައިޓީ ޑިޕާޓްމެންޓަށް އެކަމުގެ ތަޖްރިބާހުރި ގާބިލް ބޭފުޅަކު ވަނީ މިދިޔަ ހަފްތާގައި އައްޔަން ކޮށްފައެވެ. އަދި އެ ކޮމިޝަނުގެ ޑިޕާޓްމެންޓް ތަކަށް ވަދެ ނުކުމެވާ މީހުން އެނގޭފަދަ ސެކިއުރިޓީ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. 

އެހެންނަމަވެސް ގައުމުގެ ސިޔާސީ ވެށި އޮތްގޮތުން އެ ކޮމިޝަނުގެ އިތުބާރާމެދު ދަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ "ނުފޫޒުގެ އަތް" އެކޮމިޝަނުގެ އިމުން އެތެރެ ވާތީއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް