
ސީޝެލްސް ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކާއި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތަށްފަހު، ދެ ގައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ސީޝެލްސްގެ ރައީސްގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމަށް ލިބިގެންދިޔަ ތާރީހީ ކުރިއެރުމެއް ކަމަށެވެ.
ރާއްޖެ އާއި ސީޝެލްސްއަކީ ދުރު ދެ ގައުމު ކަމުގައި ވީނަމަވެސް މަސައްކަތްތެރިކަމުގެ ރޮނގުންނާއި އިގުތިސޯދީ އަދި ތިމާވެށީގެ ގޮތުންވެސް ދާދި އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މޫސުމީ ބަދަލުތަކުގެ އިތުރުން ތިމާވެށީގެ މައްސަލަތަކަކީ ދެ ގައުމުން ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރާ މުހިންމު މައްސަލަތަކެއްކަމުން، އެ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ރާއްޖެ އާއި ސީޝެލްސްގެ ރައީސް ގުޅިފައިވާ ބަޔާން ދެއްވަނީ - ފޮޓޯ:ރައީސް އޮފީސް
ރާއްޖެ އާއި ސީޝެލްސް އާ ދެމެދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި އިގުތިސޯދީ ހަރަކާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މިކަމުން ދެ ގައުމުގެ އިގުތިސޯދަށް ފައިދާ އާއި މަންފާ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެ އާއި ސީޝެލްސް ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެ ގައުމަށް މުހިންމު ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިންގާ ގާނޫނާ ހިލާފު މަސްވެރިކަމާއި އެކި ބާވަތުގެ ކުށްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ.
ދެ ގައުމުގެ ރައީސުން ގުޅިގެން ދެއްވި ބަޔާނުގައި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ވަނީ ދެ ގައުމުގެ ދެމެދު ބަދަލުކުރެވުނު ވިސާ ވެއިވާ އެގްރީމެންޓާއި އެއާ ސާވިސް އެގްރީމެންޓުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމަށް ހުރި ފައިދާތައް ފާހަގަކުރައްވާފައެވެ.
ސީޝެލްސްގެ ރައީސް ވިދާޅުވީ އެ ގައުމުން ރާއްޖެއަށް އައުމަށް ބޮޑު ހަރަދަކާއި ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށާއި ވެވުނު އެއްބަސްވުންތަކާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ދުރުމިން ކައިރިކޮށްދީ، ދެ ގައުމަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.
ރާއްޖެ އާއި ސީޝެލްސްގެ ރައީސް ގުޅިފައިވާ ބަޔާން ދެއްވަނީ - ފޮޓޯ:ރައީސް އޮފީސް
ސީޝެލްސްގެ ރައީސް ވަނީ އެމަނިކުފާނަށް ދެއްވި ދައުވަތަށާއި އެމަނިކުފާނާ އެކު އަރިހުގައި ދަތުރުގައި ވަޑައިގެންނެވި ވަފުދަށް ދެންނެވި ހޫނު މަރުހަބާ އާއި އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.
ސީޝެލްސްގެ ރައީސް ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖެ އާއި ސީޝެލްސް އާ ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވެ، ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.