މަޖިލިސް ހުއްޓިފައި އޮންނަ މައްސަލާގައި އެމްޑީޕީގެ ޕީޖީން މިއަދު ވަނީ ފިލްޒާއާއި ނިއުޝާއާ ބައްދަލު ކުރައްވާފައެވެ.
ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ޖަލްސާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާލެއްވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބަހުސް ކުރިއަށް ދަނިކޮށް ޖަލްސާ ހުއްޓާ ނުލެވޭނެކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއާއި ކައުންސެލަ ޖެނެރަލް ފާތުމަތު ފިލްޒާ ލަފާދެއްވާފައި ވަނިކޮށްކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަނިކޮށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ބަންޑާރަ ނައިބު މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މައްސަލައެއް ހުށަހަޅާފަ އެވެ.
ހުސައިންގެ މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 48 މެންބަރުން ވޯޓު ދެއްވީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. އެހެންކަމުން މި މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.
ހުސައިން ހުށަހެޅި އިމްތިޔާޒްގެ މައްސަލައަށް ބަހުސް ކުރަން ފާސް ނުވުމުން އޭނާ ވަނީ ކޮމިޓީއަށް މި މައްސަލަ ހުށަހަޅައިދިނުމަށް އެދި އެހެން މައްސަލައެއްވެސް ހުށަހަޅާފަ އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުއްވާފަ އެވެ.
މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައިވާތީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ ބަހުސް ކުރަން ނުފެންނަ ކަމަށް ފާސްވެ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން އިމްތިޔާޒްގެ މައްސަލައެއް ނެތްކަން ހާމަވާ ކަމަށެވެ.
ރައީސް ނަޝީދު ނިންމެވީ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅިފައި އޮތުމުން ބަންޑާރަ ނައިބުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.