
މިއީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި ނާސަރީއާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ޓީމެއް ވަނީ ޗައިނާއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ނާސަރީގެ ޑިޒައިން އަދި އިންދާނެ ގަސްތަކުގެ އިތުރުން، ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަން ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ. މި ނާސަރީގައި މީޓިން ރޫމަކާއި ލެބޯޓަރީއެއް ހިމެނޭނެ ކަމަށާއި، އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށް ތަނުގެ ޑިޒައިން ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ނާސަރީގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މުސްތަގުބަލުގައި ސްކޫލު ކުދިން ގެނެސްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ރޭވިފައިވާ ކަމަށާއި، މި ނާސަރީގެ ސަބަބުން ފަސް މިލިޔަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލުކުރަން ފަސޭހަވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.