ads
ރާއްޖެ - ބަންގްލަދޭޝް މެޗުގެ ތެރެއިން
ފުރަތަމަ މެޗު ގެއްލުނަސް ދެން ހުރި މެޗުތަކުން މޮޅުވާނެ
ފައިވް ނޭޝަންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ބަލިވިނަމަވެސް، ކުރިއަށް ހުރި މެޗުތަކުން މޮޅުވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް، ދިވެހި ބާސްކެޓް ޓީމުގެ ކޯޗިން ލީޑު ކުރާ ކުރީގެ އެއްވަނަ ކުޅުންތެރިޔާ މުހައްމަދު ޒިލާލް ބުނެފިއެވެ.

ފައިވް ނޭޝަންސް ކަޕުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ރޭ ބަންގްލަދޭޝް އަތުން ބަލިވީ 52-42 ންނެވެ. މެޗު ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ރާއްޖެ ޓީމުން ފުރަތަމަ ކުއާޓަރުގައި ލީޑުވެސް ނެގިއެވެ. ނަމަވެސް ބަންގްލަދޭޝްއިން ވަނީ ފުރަތަމަ ކުއާޓާ ނިމުމުގެ ކުރިން ލީޑު ނަގާ، މެޗު ނިމެންދެން އެލީޑު ދަމަހައްޓާފައެވެ.

މެޗާ ގުޅޭ ގޮތުން ޒިލާލް ބުނީ، މުބާރާތުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ބަންގްލަދޭޝް އަތުން ބަލިވިޔަސް ދެން ހުރި މެޗުތަކުން މޮޅުވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. މުބާރާތުގައި ދެން ރާއްޖެ ބައްދަލުކުރާނީ ބޫޓާނާއެވެ.

ވަރަށް ބޮޑު އުންމީދެއް އެބައޮތް، އެހެން ޓީމުތަކުގެ ކުޅުން މިހާރު އޯލް ރެޑީ ފެނިފައި ހުރީ، އެހެންވީމަ ސްކައުޓިންއާ އެއްކޮށް އެ މީހުންނާ އެކު އަޅުގަނޑުމެންގެ ގޭމްޕްލޭން އެޖަސްޓްމަންޓްތަކެއް ހަދައިގެން ނަތީޖާ ނެރެވޭނެ، ދެން ބަންގްލަދޭޝާ ކުޅޭ މެޗުގައި މިހާރު މި މެޗުގައި ދަސްވި ކަންތައްތަކާ އެކު ރަނގަޅު މެޗެއް ކުޅެވޭނެ، ދެން މޮޅުވެގެން ފައިބާނީ- ޒިލާލް

ފަސް ގައުމުން ވާދަކުރާ މި މުބާރާތުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއަށްފަހު ސެމީ ފައިނަލުގައި ވާދަކުރާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ.  އެހެންކަމުން ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކޮށްގެން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.

ރާއްޖޭގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން މުބާރާތުގައި ދެން ވާދަކުރަނީ ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.

އިއްޔެ ފެށި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މެޗު އޮންނާނީ މާދަމާރޭ 08:30 ގައެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް