ads
ވަނާޖުބޭސާ
އެޑިއުކޭޝަން މިނިސްޓްރީން އެންގިކަމަށް ބުނެ ކާއްޓޭގެ "ވަނާޖުބޭސާ" އަޅުވަން ހުރަސްއަޅައިފި
މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އެންގިކަމަށް ބުނެ ހއ. ދިއްދޫގައި ގައި މަޝްހޫރު ކޮމޭޑިއަން ނަޒީރު ޝިހާމް (ކާއްޓޭ) އާއި ހުސެއިން ސާދު (މަޓޭ) ލީޑު ރޯލުން ފެނިގެންދާ ފިލްމު "ވަނާޖުބޭސާ" އެޅުވުމަށް އެއްބާރުލުން ނުދިނުމުން އެ ރަށުގައި ފިލްމު ނާޅުވާން ޕްރޮޑަކްޝަން ޓީމުން ނިންމައިފިއެވެ.

އެ ފިލްމު އެޅުވުމަށް މަސައްކަތް ކޮށްފައިވަނީ ހއ. ދިއްދޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒުގައެވެ. އެ މަރުކަޒުން އެންމެ ފުރަތަމަ އެ ފިލްމު އަޅުވަން ހުއްދަ ދިން ކަމަށް ފިލްމުގެ ޑައިރެކްޓަރު ވިޝާލް ޒަކީ (ވިއްޓެ) ސީއެންއެމްއަށް މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ބުންޏެވެ. ނަމަވެސް ދުވަސް ކައިރިކޮށް ހުއްދަދެވެން ނެތްކަމަށް އަންގާފައިވާކަމަށް ވެސް އޭނާ ބުންޏެވެ. 

އެ ފިލްމު އެޅުވުމަށް ހުއްދައަށް އެދުމުން ހއ. އަތޮޅު ތައުލީމީ މަރުގެ ޑެޕިއުޓީ ޕްރިންސިޕަލް ހުސެން ސުޖާއު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، "މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ފޮނުވާފައިވާ މެއިލުން ސްކޫލް ހޯލް ދޫކުރެވެން ނެތްކަމަށް އަންގާފައި ވާތީ، ހޯލް ދޫކުރެވެން ނެތްވާހަކަ ދެންނެވީމެވެ،" މިހެނެވެ.

ހޯލު ދޫނުކުރެވެނީ ކޮން ސަބަބަކާ ހުރެކަމެއް އެ ސްކޫލުން އަންގާފައެއް ނުވެއެވެ.  ނަމަވެސް ރާއްޖޭގެ ސްކޫލުތަކުން އަމަލުކުރާ އާންމު އުސޫލަކީ ސްކޫލު ހޯލު ދޫނުކުރެވޭނަމަ ސްކޫލު ހޯލު ދޫނުކުރެވޭ ސަބަބާއި، ދެން ހޯލު ލިބޭނެ ދުވަހަކާއެކު އެންގުމެވެ. 

މިކަމާ ގުޅިގެން ސީއެންއެމްއިން ސުވާލުކުރުމުން ފިލްމުގެ ޑައިރެކްޓަރު ވިޝާލް ޒަކީ ބުނީ "މިކަން އަންގައިދެނީ ރަށްރަށުގައި މީހުން އުޅޭ ހާލު. ފިލްމު އަޅުވަން ތި ރަށުގަ ހުއްދަ ނުލިބުނީ. އެހެން ރަށްރަށުގަ އެޅުވިން. އަދި އިއުލާނުކޮށްފަ ހުރި ހުރިހާ ތާކު އަޅުވަމުން ގެންދާނަން." ކަމަށެވެ. އަދި މި އަމަލަކީ ރާއްޖޭގެ އާޓް އިންޑަސްޓްރީއަށް ލިބުނު ދެރައެއް ކަމަށް ވެސް މި ފިލްމު ލިޔެ ޑައިރެކްޓުކުރި ވިޝާލް ބުންޏެވެ.

ޕާޓިކަލް ސްޓޫޑިއޯ" އާއި "ދަ ސްޓޫޑިއޯ" ގެ އިތުރުން "ވާންޗޯ އެންޓަޓެއިންމެންޓްސް" ގުޅިގެން ތައްޔާރުކޮށްފައިވާ މި ފިލްމަށް އެތައް ބައެއްގެ ސަޕޯޓު ލިބިފައިވެއެވެ. "ވަނާޖުބޭސާ" ވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އަޅުވާފައެވެ. އެގޮތުން ފ. ނިލަންދޫ، ނ. ކެނދިކުޅުދޫ، ބ. ދޮންފަނާއި ބައެއް ރިސޯޓުތަކުގައި ވެސް މި ފިލްމު އަޅުވާފައިވާއިރު، އެއިން ކޮންމެ ޝޯއެއްވެސް ހައުސް ފުލްއެވެ. 

މި މައްސަލައިގައި ސްކޫލުތަކުގެ ހޯލް ދޫކުރަން އެކި ސްކޫލުގައި އެކި އުސޫލު ގެންގުޅެނީ ކީއްވެތޯ؟ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން އަދި މިހާތަނަށް އެކަމަށް ޖަވާބެއް ދެއްވާފައެއްނުވެއެވެ.

ކާއްޓޭ އަދި މަޓޭގެ އިތުރުން، "ހާދަރު" ފިލްމުގެ ރޯލުން ފެނުނު، މުހައްމަދު ސައީދު ވެސް މި ފިލްމުގެ ފެނެއެވެ. 

މިއީ ފ. ނިލަންދޫ އާއި ފީއަލީގައި ޝޫޓުކުރި ފިލްމެކެވެ. ލީޑުން ފެންނަ ތިން އެކްޓަރުންގެ އިތުރުން ދެން ތިބި އެކްޓަރުން ހޮވާފައިވަނީ ޝޫޓުކުރި ރަށްރަށުންނެވެ.  

މި ފިލްމު ޕްރިމިއާ ކޮށްފައިވަނީ  އޭޕްރީލް މަހު 25 ވަނަ ދުވަހުގެ ރޭ، އޮލިމްޕަސް ސިނަމާގަ އެވެ. އަދި ޕްރިމިއާ ކުރާ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް އެޅުވި ހުރިހާ ޝޯއެއްވެސް ހައުސް ފުލްއެވެ. 

ފިލްމު ލިޔެ ޑައިރެކްޓު ކުރުމުގެ އިތުރުން ފިލްމުގެ ސިނަމަޓޯގްރަފީ އަދި އެޑިޓިންގެ މަސައްކަތް ވެސް ކޮށްފައި ވަނީ ވެސް ވިއްޓެ އެވެ. ވަނާޖު ބޭސާ ވަރަށް އަވަހަށް ބައިސްކޯފަށް އަންނާނެކަން ވެސް ވަނީ ބުދަ ދުވަހު ވަމީ އިއުލާނުކޮށްފައެވެ. 

78%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް