
ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ރާއްޖެއިން ރަސްމީގޮތުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
ސީޝެލްސްގެ ރައީސްގެ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސަރުކާރާއިދެމެދު ރަސްމީ ހަތަރު އެެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ. މިއެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގައެވެ. އަދި މިރަސްމިއްޔާތުގައި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވަޑައިގެންނެވިއެވެ.
މިއެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ.
މިއެއްބަސްވުމުގެ ދަށުން، ދެގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމާއިއެކު ދެ ގައުމުގެ އިޖްތިމާޢީ އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސް އޮފީހުން ދެކެއެވެ.